ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށާއި 100،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ޖޫރިމަނާކޮށްފައި ވަނީ މ. އިރާކުމާގެ، ލަމްއާން ސޮބާހްގެ މައްޗަށެވެ.

Ad
rt

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ލަމްއާން އިތުރު ބަޔަކާ ބައިވެރިވެގެން ހ. ދިއްގާމާގެ، ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓެއްގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތު ލިބުނު ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން، ބުރުޒު މަގުގައި ހުންނަ ކޮފީ ކޯނަރ ކައިރީގައި އޭނާ ހުއްޓައި ހައްޔަރުކޮށްގެން ގެންގޮސް އެ އެޕާޓުމެންޓް ބަލައި ފާސްކުރި ކަމަށް ވެސް ހުކުމްގައި ފާހަގަ ކުރިއެވެ.

އަދި ލަމްއާންގެ ބެލުމުގެ ދަށުން އެ ގޭގައި ހުރި ކަބަޑު ބަލައި ފާސް ކުރިއިރު، ސިޓީ އުރައެއްގެ ތެރޭގައި ނުވަ ރަބަރު ޕެކެޓު އޮތް ކަމަށާއި މިއިން ކޮންމެ ރަބަރު ޕެކެޓެއްގެ ތެރޭގައި 25 ސެލޯފިން ކޮޅާއެކު 225 225 ސެލޯފިން ކޮޅުގައި ކެނެބިސް ހުރި ކަމަށް ތަހުލީލު ތަކުން ދައްކާފައިވާ ކަމަށެވެ.

އަދި މިތަކެތީގެ ބަރުދަނުގައި 138.6250 ގުރާމް ހުރި ކަމަށްވެސް ހުކުމުގައިވެއެވެ.

އެ ކަބަޑުތެރޭގައި ހުރި ކަރުދާސް ކޮތަޅެއްގެ ތެރެއިން ހަތަރު ރަބަރު ޕެކެޓު ފެނިފައިވާއިރު، މީގެ ކޮންމެ ރަބަރު ޕެކެޓެއްގެ ތެރެއިން 15 ސެލޯފިންކޮޅާއެކު60 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ހުކުމުގައިވެއެވެ. އަދި މީގައި 30.1200 ގުރާމް ކެނެބިސް ހުރި ކަމަށްވެސް ތަހުލީލުތަކުން ދެއްކި ކަމަށް ހުކުމުގައިވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ލަމްއާން ދިރިއުޅޭ އެޕާޓުމަންޓުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އަމިއްލަ އަށް އިއުތިރާފުވެ ފުލުހުންނަށް އެތަކެތި ހުރިތަން ދެއްކީވެސް ލަމްއާން ކަމަށެވެ. އެހެންކަމުން މި ދައުވާއަށް ލަމްއާން އިންކާރު ކުރި ނަމަވެސް މިކަން ސާބިތުކޮށްދެވޭނެ ވަރުގެ ހެއްކެއް ނުދެއްކޭ ކަމަށް ހުކުމްގައިވެއެވެ.

އެހެންވެ، ލަމްއާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 25 އަހަރަށް ޖަލަށްލުމަށާއި 100،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވެއެވެ.