މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ހުރިހާ ހައްޖުވެރިން ވެސް އަރަފާތު ބިމަށް ގޮސްފިއެވެ.

ހުރިހާ ހައްޖުވެރިން ވެސް އަރަފާތު ބިމަށް ދިޔަ ކަން އިއުލާން ކުރެއްވީ، މިހާރު ހައްޖުގެ އަޅުކަމަށް ސައުދީ އަށް ގޮސް ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޝަހީމް ވިދާޅުވީ ހައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބުމުގެ ރުކުން އަދާކުރުމަށް ހައްޖުވެރިން ކުރި ދަތުރު ފުރިހަމަކޮށް މިހާރު ހުރިހާ ހައްޖުވެރިން ތިބީ އަރަފާތުގައި ކަމަށެވެ.

Ad
rt

ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނަށްވާ އިރު، އެ ބިމަށް އެ ދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ. އަރަފާތު ބިމަށް ހައްޖުވެރިން ދަތުރު ފެށީ މިނާގައި ތިބުމަށް ފަހު އިއްޔެގައެވެ.

އަރަފާތުގައި ތިބުމަށް ފަހު އެނބުރި މިނާއަށް ގޮސް އެތަނުގައި އީދު ދުވަހާއި ވަޅު އީދު ދުވަހު ތިބޭނެއެވެ. އެއަށް ފަހު، ތިން ވަނަ ދުވަހު ޖަމްރާއަށް ހިލަ އުކުމަށް ފަހު އެނބުރި މައްކާ އަށް ދާނެއެވެ. މައްކާގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ ތަވާފް ކުރުމެވެ.

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އެ ކުންފުނީގެ ހަވާލުގައި 1،150 މީހުން ހައްޖަށް ގެންދިޔައެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންނާ ގުޅޭ އިންތިޒާމްތައް ވަރަށް ފުރިހަމަ އަށް އިންތިޒާމުކޮށްފައިވާ ކަމަށެވެ.

މީގެ ދުވަހެއް ވަރު ކުރިން ދިވެހި ހައްޖާޖީއަކު ނިޔާވެފައިވެއެވެ. ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.