''ޢަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް اللهގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް اللهއަށް މުނާޖާ ދެންނެވުމަށް ޓަކައެވެ. ޢަރަފާތު ދުވަހު ޢަރަފާތުގެ ބިމުގައި ތިބެ މާތް اللهއަށް ތަލްބިޔާ ކިޔުމަށެވެ. އެތައް ހާސް އަހަރެއް ކުރީން إبراهيم عليه السّلام ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަދިނުމުގެ ގޮތުންނެވެ.''

އިސްވެ ބަޔާންކޮށްފައި އެވަނީ ''ޢަރަފާތް ދުވަސް'' މަޢުލޫއަށް ޚާއްޞަކޮށްފައިވާ މިއަދުގެ ހުކުރު ޚުޠުބާގެ ފެށުމުން ބަޔެކެވެ.

Ad
rt

މާދަމާ އަކީ ހެޔޮކަމާއި ޘަވާބުން ފުރިގެންވާ މާތްވެގެންވާ މި އަހަރުގެ އަރަފާތު ދުވަހެވެ. މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް މާތްވެގެންވާ މައްކާގެ ބިމަށް ދަތުރުކުރި ޙައްޖުވެރިން މާދަމާ އަރަފާތު ބިމުގައިތިބެ، ޙައްޖުގެ މަތިވެރިއަޅުކަން ފުރިހަމަކުރާ ވަގުތަކީ އެހާމެ މާތް މަތިވެރި ވަގުތެކެވެ.

އަރަފާތު ދުވަހުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށް ގެނެސްދީފައިވާ މިއަދުގެ ޚުޠުބާގެ ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ.

عَرَفَاتُ ބިމުގައި ތިބޭ މަންޒަރުން ދައްކުވައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަން

މުސްލިމުން عَرَفَاتُ ބިމުގައި ތިބޭ މަންޒަރަކީ ޝައުޤުވެރިކަމާ އެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ މަންޒަރެކެވެ. ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާ މަންޒަރެކެވެ. މައްކާގެ ބިމުގައި މާތް الله ލައްވައިފައިވާ މަނާސިކުގެ ކަންކަން ފުރިހަމަކުރުމުގެ މަތިވެރި އަޅުކަން އަދާކުރާ މަންޒަރެވެ. އެ ކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މާތް اللهގެ އަމުރުފުޅުގައިވާ "ތިޔަބައިމީހުން އެންމެން اللهގެ دينގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެނުގަންނާށެވެ!" މި ބަސްފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ.

އިސްލާމް ދީނުގެ ހައްދުގެ ތެރޭގައި ހިފެހެއްޓިގެން ހުރުމަކީ ލާޒިމުކަމެއް

މާތް اللهގެ ދީނުގައި ހިފަހައްޓާށޭ އެންގެވުމުން، ދީނުގެ ހައްދުގެ ތެރޭގައި ހިފެހެއްޓިގެން ހުރުމަކީ ލާޒިމުކަމެއްކަން ދޭހަވެއެވެ. އަދި، ވަކިވަކިވެނުގަންނާށޭ އަންގަވައިފައި ވަނީ ބައިބައިވުމަކީ ނިކަމެތި ކަމަކަށް ވާތީއެވެ. މާތް ނަބިއްޔާ، رسول الله صلى الله عليه وسلم އަށް ﷲ تَعَالَى އަޞްޙާބުބޭކަލުން ވެސް އެއްބައިވަންތަކަމުގެ ތަރަހައިގެ ތެރޭގައި ތިއްބެވީ އިސްލާމްކަމުގެ ދިދައިގެ ހިޔަލުގައި، އަދި އެބޭކަލުންގެ ޝިޢާރެއްގެ ގޮތުގައި (لَا إِلَـٰهَ إِلَّا اللهُ مُحَمَّدٌ رَّسُوْلُ اللهِ) މި ކަލިމަފުޅު ހިއްޕަވައިގެންނެވެ. އެއް ލަނޑުދަނޑިއަކަށް އަމާޒުހިއްޕަވައިގެންނެވެ. އެ އަމާޒަކީ މި ކަލިމަފުޅު މަތިވެރިކުރުމެވެ. މާތް اللهއަށް އިޚްލާޞްތެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ޤުރްބާންވުމެވެ. تَقْوَىގެ މަގުގައި ހިންގެވުމެވެ.

ސަލާމަތުގެ މަގަކީ މާތް اللهގެ ފޮތުގައްޔާއި، އެކަލާނގެ ރަސޫލާ رسول الله صلى الله عليه وسلم އަށް ﷲ تَعَالَى ގެ ސުންނަތުގައި އަންގަވައިފައިވާ މަގެވެ. މާތް ނަބިއްޔާ z حَجَّةُ الْوَدَاعގެ ޚުޠުބާގައި ޙަދީޘް ކުރައްވައިފައިވެއެވެ. (أَيُّهَا النَّاسُ، إِنِّيْ قَدْ تَرَكْتُ فِيْكُمْ مَا إِنِ اعْتَصَمْتُمْ بِهِ فَلَنْ تَضِلُّوْا أَبَدًا؛ كِتَابَ اللهِ وَسُنَّةَ نَبِيِّهِ ﷺ، إِنَّ كُلَّ مُسْلمٍ أَخُ الْمُسْلِمِ، اَلْمُسْلِمُوْنَ إِخْوَةٌ، وَلَا يَـحِلُّ لِامْرِئٍ مِنْ مَالِ أَخِيْهِ إِلَّا مَا أَعْطَاهُ عَنْ طِيْبِ نَفْسٍ، وَلَا تَظْلِمُوْا، وَلَا تَرْجِعُوْا مِنْ بَعْدِيْ كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ) މާނައީ: އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއަށް ތިމަންކަލޭގެފާނު ދެ އެއްޗެއް ދޫކުރައްވާފައި ވަމެވެ. އެ ދޭތީގައި ހިފަހައްޓައިގެން ތިބިހައި ހިނދަކު ތިޔަބައިމީހުން ގެއްލެނިވެގެން ނުދާނެތެވެ. އެއީ މާތް اللهގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތެވެ. ހަމަކަށަވަރުން އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. މުސްލިމުންނަކީ އަޚުންތަކެކެވެ. އެއްވެސް މީހަކަށް އޭނާގެ އަޚާގެ މުދަލުން އެ އަޚާ އޭނާއަށް ހިތްހެޔޮކަމާ އެކު ދީފި އެއްޗެއް ފިޔަވައި ޙަލާލުވެގެންނެއް ނުވެއެވެ. ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކު ޤަތުލުކޮށް ކާފިރުކަމަށް އެނބުރި ނުދާހުށިކަމެވެ!"

ޙައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަސް

ޙައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަހެވެ! އެ ދުވަހަކީ ޢަރަފާތު ދުވަހެވެ. ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަހެވެ. ޢަރަފާތު ބިމުގައި ޙައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަހެވެ. ޙައްޖުގެ އަޅުކަމާ ބެހޭ ގޮތުން މާތް ނަބިއްޔާ رسول الله صلى الله عليه وسلم އަށް ﷲ تَعَالَى ޙަދީޘްކުރައްވައިފައިވެއެވެ. (اَلْـحَجُّ عَرَفَةُ) މާނައީ: "ޙައްޖަކީ ޢަރަފާތުގައި ހުރުމެވެ."

އެ ދުވަހު ކުރާ އެންމެ މާތް ދުޢާ رسول الله صلى الله عليه وسلم އަށް ﷲ تَعَالَى ވަނީ ބަޔާންކޮށް ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (خَيْرُ الدُّعَاءِ دُعَاءُ يَوْمَ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّوْنَ مِنْ قَبْلِيْ: لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މާނައީ: "އެންމެ މާތް ދުޢާއަކީ، ޢަރަފާތު ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީން ފޮނުއްވުނު ނަބީބޭކަލުން ކުރެއްވި އެންމެ މާތް ދުޢާއަކީ (لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މިއެވެ.

ޢަރަފާތު ދުވަހު ޙައްޖުވެރީން ނޫން މީހުން ރޯދަހިފުމީ، مُسْتَحَبُّ ކަމެކެވެ. ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ رسول الله صلى الله عليه وسلم އަށް ﷲ تَعَالَى ޙަދީޘްކުރައްވައިފައި ވެއެވެ. (يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ) މާނައީ: "(އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ) އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ." ޙައްޖުވެރިޔާ އެ ދުވަހު ރޯދައަށް ހުރުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަށް مُسْتَحَبُّވަނީ ދުޢާކުރުމާއި ޒިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމެވެ. މިއީ އެ ދުވަހުގެ އެ މަޤާމުގެ ވަޒީފާއެވެ.

އެ ދުވަހު ޙައްޖުވެރީން ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި ނިކަމެތިކަން އިޙްސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެއެވެ. ހަމަ އެ ފަދައިން މާތް ނަބިއްޔާ رسول الله صلى الله عليه وسلم އަށް ﷲ تَعَالَى އަށް ޞަލަވާތްކިޔެވުން ވެސް ގިނަކުރެވޭތޯ ބަލާންވާނެއެވެ. ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަފުއްސަވައިދެއްވައިތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރާން ވާނެއެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيْهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ) މާނައީ: "ޢަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ." އެ ދުވަހު އެ ޖަމާޢަތުގައި ބައިވެރި ނުވެވޭ މީހުން ވެސް އެ ދުވަހު ގިނަގިނައި ޒިކުރުކުރުމާއި ދުޢާކުރުމާއި ރޯދަހިފުމާއި އެ ނޫން ވެސް ހެޔޮ ޢަމަލު ގިނަކުރުން ހުއްޓެވެ! އެ ދުވަހު އެ ތާނގައި ހުރުމުގެ ނަސީބު ދެއްވައިތޯ ވެސް ދުޢާކުރާށެވެ! މާތް الله އަޅަމެން އެންމެންނަށް ޢަރަފާތު ދުވަހުގެ ދަރުމައާއި ސަވާބު ދެއްވާށިއެވެ! ހެޔޮ ގޮތުގައި ޙައްޖުވުމުގެ ތައުފީޤު މިންވަރުކުރައްވާށިއެވެ!

އަރަފާތު ދުވަހަކީ މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަސް

އިސްވެދިޔަ އާޔަތުން އެނގޭ ގޮތުގައި ޢަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަހެވެ. ޢަރަފާތު ދުވަހަކީ ބަރަކާތްތެރި ދުވަހެކެވެ. ޙައްޖުވެރީން ޢަރަފާތުގައި ތިބޭ އިރު، މާތް الله ފަޚުވެރިވެވޮޑިގަންނަވައި އެކަލާނގެ މަލާއިކަތުންނަށް އަންގަވައި ވަޙީކުރައްވާނެއެވެ. "ތިމަންރަސްކަލާނގެ އަޅުތަކުން ނިކަން ދެކިބަލާށެވެ! ތިމަންރަސްކަލާނގެ އަޅުތަކުން، ތިމަންރަސްކަލާނގެ ޙަޟްރަތުން، ފާފަފުއްސެވުމަށް އެދި، އައިސް އެތިބީ، ބޯ ހޭވި، ހިރަފުހާ ތަތްތެޅިގެން، ދުރު ހިސާބުތަކުންނެވެ. ތިޔަ މަލާއިކަތުން ހެކިކުރައްވައި، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ފާފަފުއްސަވައިދެއްވައިފީމެވެ!"
މުސްލިމް އަޚުންނޭވެ! ޙައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާ އިރު އެ ޖަމާޢަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުކުރުން ހުށްޓެވެ. މާތްނަބިއްޔާ رسول الله صلى الله عليه وسلم އަށް ﷲ تَعَالَى ޙަދީޘްކުރައްވައިފައި ވެއެވެ. ( إِنَّ هَـٰذَا يَوْمٌ مَنْ مَلَكَ فِيْهِ سَـمْعَهُ وَبَصَرَهُ وَلِسَانَهُ غُفِرَ لَهُ) މާނައީ: "މިއަދަކީ، އެ މީހެއްގެ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަހެކެވެ." އަޅަމެންނީ މި މަތިވެރި ދުވަހުގެ ދަރުމަޔާއި ސަވާބުލިބޭ ބަޔަކުކަމުގައި ލައްވާށިއެވެ! އާމީން!