ފްރީޒްކޮށްފައިވާ ރަޝިއާގެ އެސެޓްތައް ބޭނުންކޮށްގެން ޔޫކްރެއިނަށް 50 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖީ7 އިން އެއްބަސްވެއްޖެއެވެ. މި ލޯނަކީ ރަޝިޔާސިފައިންނާ ދެކޮޅަށް ޔޫކްރެއިންއިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅުމަށް އެހީތެރިވުމުގެ ގޮތުން ނަގާ ލޯނެކެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މި ނިންމުމުގެ ސަބަބުން ޖީ-7 ގެ ގައުމުތައް ޔޫކްރެއިންއާއެކު ސާބިތުކަމާއެކު ތިބިކަމުގެ ސާފު މެސެޖެއް ރަޝިޔާއަށް ލިބިގެންދާ ކަމަށެވެ. އަދި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް އެކުވެރިން ފަހަތަށް ޖައްސާނުލެވޭނެ ކަމަށާއި، ހަނގުރާމައިގައި ޔޫކްރެއިން މޮޅުވަންދެން އެ ގައުމުން ތާއީދު ކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ލޯނު ނެގުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިންއަށް ފުލް ސްކޭލްގައި އަރައިގަތުމާ ގުޅިގެން ޖީ7 އާއި ޔޫރަޕިއަން ޔޫނިއަންއިން ފްރީޒްކުރި ރަޝިއާގެ 325 ބިލިއަން ޑޮލަރުގެ މުދަލުން ލިބުނު އިންޓްރެސްޓް ބޭނުންކޮށްގެންނެވެ. އަހަރަކު ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ މި އިންޓަރެސްޓް ބޭނުންކުރާނީ ބައިނަލްއަގުވާމީ މާކެޓްތަކަށް ނެގި 50 ބިލިއަން ޑޮލަރުގެ ލޯނުގެ އަހަރީ އިންޓަރެސްޓް ދެއްކުމަށެވެ.
މި އަހަރު ނިމެންދެން އެ ފައިސާ ޔޫކްރެއިންއަށް ފޯރާނެ ކަމަށް ނުބެލެވޭ އިރު، މިއީ އެ ގައުމުގެ ހަނގުރާމައިގެ މަސައްކަތާއި އިގްތިސާދަށް އެއްބާރުލުން ދިނުމަށް ދިގު މުއްދަތަކަށް އޮތް ހައްލެއްގެ ގޮތުގައި ބެލެވެ އެވެ. ޖީ-7ގެ އެހެން ލީޑަރުން ވެސް މި ނިންމުމަށް ތައުރީފު ކުރައްވާފައިވާއިރު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ މިއީ "އިންގިލާބީ ބަދަލެއް" ކަމަށް ސިފަކުރައްވާފައެވެ.
މި ލޯނުގެ އިތުރުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާއި ރައީސް ބައިޑަން ވަނީ ޔޫކްރެއިން އާއި އެމެރިކާއާ ދެމެދު 10 އަހަރު ދުވަހުގެ ބައިލެޓަރަލް ސެކިއުރިޓީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މިތާރީޚީ އެއްބަސްވުމުގެ ތެރޭގައި އެމެރިކާގެ އަސްކަރީ އެހީއާއި ޔޫކްރެއިންއަށް ބޭނުންވާ ތަމްރީނުތައް ހިމެނޭއިރު، ޔޫކްރެއިންގެ ސިފައިންނާއެކު ހަނގުރާމަކުރުމަށް ސިފައިން ފޮނުވުމަށް ވޮޝިންޓަނުން ވަޢުދުނުވިނަމަވެސް، ޔޫކްރެއިންއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ޖީ-7 އިން ނިންމި ނިންމުމާއެކުވެސް ރަޝިއާއިން ވަނީ އެ ގައުމުގެ ފްރީޒްކޮށްފައިވާ އެސެޓްތައް ބޭނުންކުރުމާ ގުޅިގެން ބަދަލު ހިފުމުގެ "ވަރަށް ވޭންދެނިވި" ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!