މާލޭގައި ވަގު ވެހިކަލް ވިއްކާ ބޮޑު ނެޓުވޯކެއް ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނެޓުވޯކު ފަޅާއެރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ހުއްދައާއެކު ނޫނީ ނުވަދެވޭ ސަރަހައްދެއްގައި އޮއްވައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ވަގަށްނަގާފައިވަނިކޮށް އެ ހޯދުމުގެ ތެރޭގައެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓް އަދި އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މުހައްމަދު ހައިޝަމް, 42, މ. ސީނިއަސުރުމާގެއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ، އެމްއޭސީއެލްގެ އެމްޑީގެ ވެހިކަލް އެއާޕޯޓުން ހުޅުމާލެ ގެންގޮސް ނަންބަރު ޕެލެޓް ބަދަލުކުރުމަށް ފަހު މާލެ ގެނެސް، ހ. އީރަމްގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖަކަށް ވެއްދި ކަމަށެވެ. އަދި އެއީ ހައްޔަރުކޮށްފައިވާ ނިޒާމު ކުއްޔަށް ނަގާފައި ހުރި ގަރާޖެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދާވޫދު ވިދާޅުވި ގޮތުގައި ނިޒާމުގެ ހާޒިރުގައި ގަރާޖު ބެލި އިރު އެ ވޭނާއި އިމިގްރޭޝަނުން ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފުރޮޅުލީ ވެހިކަލެއްވެސް ވަނީ ފެނިފައެވެ. އަދި 100 ވެހިކަލް ނިޒާމުގެ ނަމުގައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
“އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލެއް ރަޖިސްޓްރީކޮށްފައި އޮތްކަން. 86 ވެހިކަލް ބަހާލާފައިވަނީ ނިޒާމްގެ އަނބިކަނބަލުންގެ ނަމުގައި 42 ވެހިކަލެއް, ބާކީ ވެހިކަލް އޭނާގެ ނަމުގައި," ދާވޫދު ވިދާޅުވިއެވެ.
ދާވޫދު ވިދާޅުވީ، އެ ގަރާޖުގައި ވެހިކަލްތަކުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށް، އޭގެ އިންޖީނު ނަންބަރާއި ޗޭސިސް ނަންބަރު ކަހާލުމަށްފަހު ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުންދާ ކަމަށެވެ. އެ ވެހިކަލްތަކަށް ގަރާޖު ސިޓީ ދޫކޮށްފައިވަނީ ވެސް ނުގަވައިދުން ކަމަށް ދާވޫދު ވިދާޅުވިއެވެ.
"ވެހިކަލްތަކުގެ ރެޖިސްޓްރީ ޓްރާންސްޕޯޓު މެދުވެރިކޮށް 2023 ގެ ކުރީގައި, 2025, 2026, 2027, ބައްދަލު ނުކުރާ އަހަރުތަކުގެ ނަމުގައި ވެހިކަލް ރެޖިސްޓްރީކޮށް ރެޖިސްޓްރީ އިޝޫކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވޭ," ދާވޫދު ވިދާޅުވިއެވެ.
ފުލުހުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާއިރު ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި މި ޖަރީމާ ހިންގުމުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ވެަް ކުރަމުން އަންނަ ކަމަށް ދާވޫދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!