ށ.މިލަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "މިލަންދޫ ކައުންސިލް ކަޕް 2024" ފުޓްސަލް މުބާރާތް އީދު ދުވަހު (މާދަމާ) ފަށާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ރޭ 08:30 ގައެވެ. ނަމަވެސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު 8 ޖަހާއިރު ފަށާނެއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި، ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ކެޕްޓަން އައްސަދު އަބްދުލް ގަނީ ބައިވެރިވާނެއެވެ.

Ad
rt

ވާދަވެރިކަން ބޮޑު މި މުބާރާތުގައި މި އަހަރު ވަނީ އަށް ޓީމަކުން ބައިވެރިވެފައެވެ. ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރު ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ވަނީ ދީފައެވެ. މިގޮތުން ޓީމްތަކުގައި ވަނީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ހިމަނާފައެވެ. މި މުބާރާތުގައި ބައިވެރިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހުސައިން ޝަރީފް (އޮންލީ)، ސާމިން މުހައްމަދު ރަޝީދު، މުހައްމަދު އައްޒާމް، އިބްރާހީމް ރިމާހު، އިބްރާހީމް ނަދާދުގެ އިތުރުން އަޔާޒް އަހުމަދު (އަޔާ) ހިމެނެއެވެ. މީގެ އިތުރުން ކްލަބް މޯލްޑިވްސް ކަޕްގައި ކުރިން ކުޅުނު އީރާންގެ އަލީ ހޮދާދީ ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އަށް ޓީމަކީ ޑީއެސްކިއު، އީގަލްސް، ލިންކް ސްޕޯޓްސް، ޔަންގްސްޓާސް، ޗޮލްކޯ ޔުނައިޓެޑް، ސިކްސްޕެކް ސްޕޯޓްސް ކްލަބް، ތޮޅި އެފްސީގެ އިތުރުން ކަލާފާނު އެފްސީއެވެ. މުބާރާތް ކުރިއަށް ގެންދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މި މުބާރާތްތައް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ޒުވާނުންނަށް ވާދަވެރި މާހައުލެއްގައި ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ފުޓްސަލް ކުރިއެރުވުމެވެ.

އީދުތެރޭ މިލަންދޫ ކައުންސިލުން އެ ރަށުގެ ކަނބަލުންނަށް އަމާޒު ކޮށްގެން "މިލަންދޫ ކައުންސިލް ކަޕް 2024" ހޭންޑްބޯޅަ މުބާރާތް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި މުބާރާތް އަންނަ ބުރާސްފަތި ދުވަހު ހަވީރު ފަށަން ތާވަލު ކޮށްފައިވާއިރު، މުބާރާތުގައި ވަނީ ހަތަރު ޓީމަކުން ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޑެޒްލިން، ރެޑް ބީޓަލްސް، ލޭޑީބަގްސް އަދި ޑްރިބްލްއެވެ.