ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މާސްޓަރ ޝެފް 2024" އިވެންޓްގައި ޓީމް ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮންމެ އަހަރެއްގެ މާޗް މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅިގެން ނޮޅިވަރަންފަރު ޑަބްލިއުޑީސީން ވަނީ މައިގަނޑު ދެ ހަރަކާތެއް ހިންގަން ނިންމާފައެވެ. އެއީ އެ ދުވަހުގެ ހާއްސަ ޖަލްސާއާއި މާސްޓަރ ޝެފް އިވެންޓެވެ.

Ad
rt

މި އިވެންޓްގައި ޓީމް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހު 29 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ އެ ރަށު ކައުންސިލް އިދާރާއިންނެވެ. ބައިވެރިވާ ކޮންމެ ޓީމެއްގައި ފަސް މެމްބަރުން ހިމަނަންޖެހެއެވެ. މިއީ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ހަރަކާތެކެވެ.

މި ހަރަކާތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރ އައިމިނަތު ޝައީދާ ބުނީ މިދިޔަ އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ވެސް މާސްޓަރ ޝެފް އިވެންޓް ކުރިއަށް ގެންދިޔަ ކަމަށާއި މި އަހަރު އެ އިވެންޓް ކުރިއަށް ގެންދަން ނިންމީ ފާއިތުވި އަހަރު އެ އިވެންޓަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން ކަމަށެވެ.

މި އިވެންޓުން އެއްވަނަ ހޯދާ ޓީމަށް 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ، ދެވަނައަށްދާ ޓީމަކަށް 2000 (ދެހާސް) ރުފިޔާ އަދި ތިންވަނައަށްދާ ޓީމަކަށް 1500 (ފަނަރަސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނަޑައަޅާފައެވެ.