ހދ. ކުޅުދުއްފުށި ސިޓީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ބާއްވާ މި ޕްރޮގްރާމް ބާއްވަން ނިންމާފައި ވަނީ މާދަމާ (15 ފެބްރުއަރީ 2024)ގެ މެންދުރު 2:30ގައި އެ ސިޓީގެ އެން.އޯސީ ކޮންފަރެންސް ހޯލް (2 ވަނަ ފަންގިފިލާ) ގައެވެ.

Ad
rt

''ޒަކާތު ހައުސް އެވެއާނަސް ޕްރޮގްރާމް'' ނަމުގައި ގެންދާ މި ޕްރާގްރާމްގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހުރިހާ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް މުޢިއްޒު ''ދިވެހިރާއްޖޭގެ ޒަކާތު ހައުސް'' އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްދެއްވާފައި ވަނީ 2 ޖެނުއަރީ 2024 ގައެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.