އިއްޔެ ހަވީރު މާލޭގެ ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ރާއްޖޭގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ އިއްޔެ ހަވީރު ކުޅުނު މެޗުގެ ނިމެން ކައިރި ވެފައި ވަނިކޮށް ބަޔަކު ދަނޑަށް އަރައި ވަނީ ހަމަނުޖެހުން ހިންގާފައެވެ.
މި މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި ހަމަނުޖެހުމުގެ ތެރޭގައި ސަޕޯޓަރުންގެ ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަނުމުން އިތުރަށް މި ހަމަނުޖެހުން ހޫނުވާން ދިމާވިއެވެ.
މި މައްސަލައާއިގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ބުންޏެވެ.
އިއްޔެގެ މި ހަމަނުޖުމުގައި ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ވަނީ އަނިޔާ ވެފައެވެ. އޭނާގެ އަށް ހަމަލާދިނުމުން އަނގަމަތި ފަޅައިގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހަމަނުޖެހުން ހިނގާފައި ވަނީ މެޗުތެރޭގައި ކުޑަ ހެންވޭރުގެ ކުޅުންތެރިއަކު ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން އެ ބިދޭސީ ކުޅުންތެރިޔާ ގަސްތުގައި ކުޑަ ހެންވޭރު ކުޅުންތެރިޔާ ގައިގާ ކޮޅުފައިން ޖެހުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!