ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ޢައްޔަނު ކުރައްވައިފިއެވެ.

އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވާގޮތުގައި، އެ ވުޒާރާގެ ވަޒީރުކަމަށް ރައީސް މުޢިއްޒު ވަނީ ޝަހީމް ޢައްޔަނު ކުރައްވާފައެވެ.

Ad
rt

ޝަހީމް އަލުން އެމަގާމަށް ޢައްޔަނުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު ޝަހީމަށް ރުހުން ނުދިނުމުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދިނުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަންނަނީ ރުހުން ނުދިން މެންބަރުންނަށް އަމާޒު ވަމުންނެވެ.

ޝަހީމްގެ މޭސްތިރިކަމުގެ ދަށުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ދަނީ އެ ވުޒާރާއާއި މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި، ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން ތާރީޚްތަކަށް ނިންމުމުގައި ކުރީސަފުގައި ކާމިޔާބު ހާސިލްކުރަމުންކަމަށާޢި، ޝަހީމް އަށް ރުހުން ނުދިނީ އެކަންކަން ތަންފީޒުކުރާތީ އެކަންކަން ވިޔަނުދޭންކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރައީސް މުޢިއްޒު، ޝަހީމް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ.

ޝަހީމް ވަނީ ރައީސް ވަހީދުގެ ވެރިކަމުގައާއި، ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވާފައެވެ. އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުގެ އިތުރުން ބައިނަލްއަގްވާމީ އިސްލާމީ ޖަމާއަތްތަކުގެ އިސް މަގާމުތައް ވަނީ އަދާކުރައްވާފައެވެ.