ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ "ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ޓައިޓަލް ސްޕޮންސަރަކަށް ދިއްދޫ "ދި ފައުންޑޭޝަން" ހަމަޖައްސައި، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ ބާއްވާފައި ވަނީ ހައިޑަވޭ ރިސޯޓްގައެވެ. މި އެއްބަސްވުމުގައި ދި ފައުންޑޭޝަންގެ ފަރާތުން ސޮއި ކޮށްފައި ވަނީ އެ ފައުންޑޭޝަންގެ ޗެއާމަން މޫސާ ރަޝީދެވެ. މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއި ކޮށްފައި ވަނީ މުބާރާތުގެ އިންޗާޖް މުހައްމަދު ސައީދުއެވެ. މި ހަފްލާގައި މުބާރާތް ހިންގުމުގައި ހަރަކާތްތެރިވާ އިސް ބައެއް އޮފިސަލުން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ދި ފައުންޑޭޝަން ހަމަޖެއްސުމާއިއެކު، މުބާރާތުގެ ނަން "ދި ފައުންޑޭޝަން ހއ.އަތޮލު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445" ގެ ނަމަށް ބަދަލުވެގެން ދާނެއެވެ.
ދިއްދޫ ދި ފައުންޑޭޝަނަކީ އެ ރަށުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށާއި، ރަށުގައި ހިންގޭ އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ރަށުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހު ރަޖިސްޓަރީ ކޮށްފައިވާ ފައުންޑޭޝަނެކެވެ.
މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ނަޝްވާން އިބްރާހީމް މި ނޫހަށް މަޢުލޫމާތު ދެމުން ބުނީ މުބާރާތުގެ ޓައިޓަލް ސްޕޮންސަރާއިއެކު ސޮއިކުރުމުގެ ހަފްލާ ހައިޑަވޭ ރިސޯޓްގައި ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވީތީ އެ ރިސޯޓްގެ އިސް ފަރާތްތަކަށް އެ ކްލަބްގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށާއި، މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅު ހުޅުވާލެވިގެންދާނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާން ހއ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލި ފުރުސަތުގެ ދަށުން ބައިވެރިވި ފަރާތްތަކުގެ މެދުގައި އޮޑިޝަން ބާއްވައި މިހާރު ވަނީ މުބާރާތަށް 20 ބައިވެރިން ހޮވާފައެވެ.
އަންނަ ރަމަޟާން މަހު ބާއްވާ މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގެ ކިޔެވުން އޮންނާނީ މި އަހަރުގެ މާޗް މަހުގެ 15 އަދި 16 ގައެވެ. ދެވަނަ ބުރުގެ ކިޔެވުން އޮންނާނީ މާޗް މަހުގެ 21 އަދި 22 ގައެވެ. މުބާރާތުގެ ފައިނަލް ކުރިއަށް ގެންދަން ރާވާފައި ވަނީ ދެ ދުވަހަކަށް ބަހާލައިގެންނެވެ. ފައިނަލްގެ ފުރަތަމަ ކިޔެވުން މާޗް 28 ގައި ބާއްވާއިރު ގްރޭން ފިނާލޭ އޮންނާނީ ޖެހިގެން އަންނަ ރެއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުން އެވެ. ތިލަދުން އިން މުބާރާތުގެ ބައިވެރިންގެ ޕްރޮފައިލް ގެނެސްދިނުމުގެ އިތުރުން، މުބާރާތާއި ގުޅުންހުރި ހުރިހާ ހަބަރެއް ވަރަށް ތަފްސީލްކޮށް ގެނެސްދޭނެއެވެ.
މި މުބާރާތަށް އަތޮޅު ތެރެއިން ދިއްދޫއަށް އަންނަ ބައިވެރިންގެ ދަތުރު ހަރަދާއި ހުރުމާއި ކެއުން ހިމެނޭހެން އެންމެހާ އިންތިޒާމްތައް މުބާރާތް ހިންގާ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ ތިން އުމްރާ ދަތުރު ދިނުމަށް ނިންމާފައެވެ. އަދި މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އަގުހުރި އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އަތޮޅުގައި އުފެއްދުމާއި ޤުރުއާން އުނގެނުމާއި އުނގައްނައި ދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހް ރަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ. އެ އަތޮޅުގައި ހާފިޒުން އުފެއްދުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި އެ އަތޮޅު ތަމްސީލްކުރާނޭ ދަރިންތަކެއް ތައްޔާރު ކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!