ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ތައްޔާރުވެފައިވާކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

ޝަހީމް މިކަން ހާމަކުރެއްވީ ''އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ޝަހީމް ވިދާޅުވީ، ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަނީ، ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ، އަޚްލާޤީ، ފިޤުހީ މައްސަލަތަކަށް އަމާޒުކޮށްގެން އެކަންކަމަށް އިމާމުން ތަމްރީނު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ޝަހީމް ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ފުރަތަމަ ބުރު އަންނަ ފެބްރުއަރީގައި ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ. މިގޮތުން މި ބުރު ގއ. އަތޮޅުގައި ހިންގަން ނިންމާފައިވާއިރު މި ބުރުގައި 77 އިމާމުން ބައިވެރިވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިވަގުތު 800 އެއްހާ އިމާމުން އުޅެއެވެ.

ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ތައްޔާރުވިއިރު، ރާއްޖޭގައި އިސްލާމީ ޝިޢާރު ދިރުވައި، އާލާކޮށް އިސްލާމީ ދިވެހި ޤައުމިއްޔަތެއް ބިނާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސް އެއް ތަސައްވުރެވެ. އަދި މި ރޮނގުން އަންނަނީ ގިނަ މަސައްކަތްތަކެއް ހިންގައި ޕްލޭން ކުރަމުންނެވެ.