ހދ. ކުޅުދުއްފުށި ސިޓީގައި ބަންޑާރަ ގޯތިލި ލިބި ގެދޮރު ނޭޅި ތިބި މީހުންނަށް ލުއިގޮތެއް ފަހިކޮށްދީ، އެރަށުގައި ފަށާފައިވާ އަދި ފަށަން ޕްލޭންކޮށް ވަޢުދު ވެފައިވާ ހައުސިން މަޝްރޫއުތައް އަވަސްކޮށްދިނުމަށް ސިޓީ ކައުންސިިލުން ސަރުކާރުގައި އެދިއްޖެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތައް އެދިފައި ވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދެ ނައިބު ވަޒީރަކާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
އެ ބައްދަލުވުމާއިގުޅޭގޮތުން ސިޓީ ކައުންސިލުން މިއަދު ބުނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދެ ނައިބު ވަޒީރުންކަމަށްވާ ޢަލީ ރަޝީދު އާއި އިބްރާހީމް އަލީމް އާއެކު އިއްޔެ އެކައުންސިލުން ބޭއްވި ބައްދަލުވުމުގައި ފަސް ކަމަކަށް އެދިފައިވާ ކަމަށެވެ.
މީގެ ތެރޭގައި އެ ސިޓީގައި ބަންޑާރަ ގޯތި އޮވެ، އެ ގޯތީގައި އިމާރާތް ނުކުރެވި ތިބި ފަރާތްތަކަށް، އެ ގޯތިތަކުގައި އިމާރާތްކުރުމަށް ލުއިގޮތްތަކެއް ފަހިކޮށްދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ސަރުކާރުން މިހާރު ކުޅުދުއްފުށި ސިޓީގައި އަޅަން ފަށާފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަވަހަށް ނިންމައިދިނުމަށް ވަނީ އެދިފައެވެ. އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ކުޅުދުއްފުށީގައި އެޅުމަށް ސޮއިކޮށްފައިވާ 1000 ހައުސިންޔުނިޓްގެ މަޝްރޫއު ކުރިއަށް ގެންގޮސްދިނުމަށް ވެސް އެދުނެވެ. މި އެއްހާސް ހައުސިން ޔުނިޓަކީ ފަހިދިރިއުޅުން ކޯޕަރޭޝަނުން، އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓެޑް އާއެކު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަން ނިންމާފައިވާ މަޝްރޫޢު އެކެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބުންނާއެކު ބޭއްވި ބައްދަލުވުމުގައި އެދުނު އަނެއް ކަމަކީ، މިސަރުކާރުން ކުޅުދުއްފުށީގައި އެޅުމަށް ވަޢުދުވެފައިވާ 2000 ހައުސިންޔުނިޓްގެ މަސައްކަތް އަވަހައް ފައްޓައިދިނުމެވެ. އަދި މަޝްރޫޢޫގެ ޑިޒައިން މަރުހަލާގައި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކައުންސިލަށް ފަހިކޮށްދިނުމަށް ވެސް އެދުނެވެ.
ސިޓީ ކައުންސިލުން އެދުނު އަނެއް ކަމަކީ، އެ ސިޓީގައި އިމާރާތްކޮށް ކުރިން ހަވާލުކޮށްފައިވާ ބައެއް ރޯހައުސްތަކަށް ދިމާވަމުންއަންނަ ބައެއް މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ.
ކުޅުދުއްފުށީ ސިޓީގައި ހިންގަން ހަމަޖެހިފައިވާ އަދި ފަށާފައިވާ ހައުސިން މަޝްރޫއުތައް އަވަހަށް ނިންމައި ދިނުމަށް މިމަހު 15 ވަނަ ދުވަހު، އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ އެދިވަޑައިގެން ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!