މާލެ ސިޓީގެ ރައްޔިތުން، މާލޭ ސިޓީގެ މޭޔަރާއި، ތިން ކައުންސިލަރުން ހޮވުމަށް ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވައިދެއްވާނެ ކައުމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ. މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަންގު ޓީވީން ރޭ ގެނެސްދިން ''އާސްކް އާޒިމާ'' ޕްރޮގާމަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ފޯނުން ދެއްވި ބަސްދީގަތުމެއްގައެވެ.
މާލެ ސިޓީގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ވިސްނުމުގައި ސަރުކާރާއެއް ފިކުރެއްގައި މަސައްކަތްކުރާ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ހުންނެވީ ރެޔާދުވާލު މާލޭގެ ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަންކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވަން ކަމަށެވެ.
އެހެންކަމުން ހޮނިހިރު ދުވަހު އޮންނަ ބައި-އިލެކްޝަންގައި އެމަނިކުފާނާއި، ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގަތެވެ.
''އަޅުގަނޑު މިހިރީ ރެޔާދުވާލު މާލޭގެ ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަމުގައި ކުރިއަށް ގެންދަން، މަސައްކަތްތައްކުރިއަށް ގެންދަން، މާލޭގެ ރައްޔިތުން ހޮނިހިރު ދުވަހުގެ ވޯޓުގައި އަޅުގަނޑާއެކީ މަސައްކަތްކުރާނެ ކެންޑިޑޭޓު، އަޅުގަނޑުމެން ފިކުރުގައި މަސައްކަތްކުރާނެ ކެންޑިޑޭޓް ހޮވާނެކަން އަޅުގަނޑު ހަމަ ސަތޭކަ ޕަސެންޓް ޔަޤީންކަން އެބައޮތް،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ވެސް ވެގެންދާނީ އެމަނިކުފާނަށާއި، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅަކަށް ކަމަށާއި، އާޒިމާ މަސައްކަތް ކުރައްވާނީ އެމަގުން ކަމަށެވެ.
''އާޒިމާއަށް ދެއްވާ ވޯޓަކީ މާލޭގެ ތަރައްގީއަށްޓަކައި ގެދޮރާއި މަގުހެދުމާއި މިހެންހުރި ބައިވަރުކަންތައްތަކެއް ހާސިލް ކުރުމަށް ދެވޭ ވޯޓެއް'' ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މާލޭ ސިޓީގެ ތަރައްގީއަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގައި ކުލަޖެއްސުމަށް އާޒިމާ އާއި ސަރުކާރު ކޯލިޝަނުން ކައުންސިލަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން ހޮވައި ދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
އެހެންނުވެއްޖެނަމަ ދަތިތަކާއި، ގޮންޖެހުންތައް ކުރިމަތިވާނެކަމަށް ވިދާޅުވެ، މާލޭގެ އިތުރުން މާލޭގެ އަނެއް ދެ އަވަށަށް އިސާރާތްކުރައްވަމުން އެމަނިކުފާނުގެ ވަޢުދުފުޅާއެއްގޮތަށް ހުޅުމާލޭގެ މުނިސްޕަލް ޚިދުމަތް މިހާރު ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާކަމަށާއި، އެއީ ވަރަށް ބޮޑު ޒިންމާއެއްކަމަށް ވިދާޅުވިއެވެ. އެކަމުގައި އެތައް މުވައްޒަފުންނެއްގެ މަސްލަހަތު ވެސް ހިމެނޭކަމަށާއި، އެ ބުރަބޮޑު މަސައްކަތް ކުރުމަށް ސަރުކާރާއި އިދިކީލި ބަޔަކު އައިސްފިނަމަ އުނދަގުލާއި ގެއްލުމާއި ކުރިމަތިލާންޖެހޭނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގެ އަނެއް އަވަށް، ވިލިމާލެ އަށް ވެސް ޒަމާނުންސުރެނުވެ ހުރި އެތައް ކަމެއް މިސަރުކާރުން ކުރަން ޕްލޭންކޮށްފައިވާކަމަށާއި، އޭގެ ބައެއް މަސައްކަތް ފެށިފައިވާކަމަށް ރައީސް ވިދާާޅުވިއެވެ. އެކަންކަން ވެސް ހާސިލްވާނީ ސަރުކާރުގެ ވިސްނުމުގެ ބޭފުޅުންނަށް ފުރުސަތު ދީގެން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގެ ރައްޔިތުން ވެސް ހޮނިހިރު ދުވަހު އޮންނަ ވޯޓުގައި ސަރުކާރުގެ ވިސްނުމުގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!