ކ. ފުނަދޫ އާއި މާލެ އަދި ހުޅުލެ ބްރިޖުން ގުޅާލައި ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރަން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ފައްޓަވައި ދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި މި ބޮޑު މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި މި އަހަރުގެ ތެރޭގައި، އެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކުރުމުގައި ކޮންމެހެން ފުރަތަމަ ފަށަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން ސީ ޕްލޭން ޓާމިނަލް އެހެން ތާކަށް ބަދަލުކުރެވުމުން، މިރޭ އިފްތިތާޙްކުރެވުނު މަޝްރޫޢޫގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2000 ޕެސެންޖަރުންނަށް ޑޮމެސްޓިކް ޓާމިނަލްއަކުން ޚިދުމަތް ދެވޭވަރުގެ ފުޅާ، ބޮޑު، ޒަމާނީ ޕެސެންޖަރ ޓާމިނަލްއާއި، ކާގޯ ފެސިލިޓީއާއި، ޖެޓް ޓާމިނަލްއާ، މި ހުރިހާ ތަނެއް ހިމެނޭ ޖާގަ ހިއްކުމުގެ މަސައްކަތް ވެސް އެއާއެކު ފެށިގެން ދާނެކަމަށެވެ.

މި މަޝްރޫޢަށް ބިން ހިއްކުމުގެ މަސައްކަތާއި، ސީ ޕްލޭން ޓާމިނަލް ބަދަލުކުރުމުގެ މަސައްކަތާއި، އެއާ ގުޅިފައިވާ އެންމެ މުހިންމު އެއްކަމަކީ، ކ. ފުނަދޫގައި މިހާރުހުރި އޮއިލް ސްޓޯރޭޖް އެހެން ތާކަށް ބަދަލުކުރުން ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެތަން އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޭގެ ބޮޑު ބައި މަސައްކަތް މި އަހަރުން ފެށިގެން ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި (މި އަންނަ އަހަރުގެ މެދަކާ ހަމަޔަށް، ނޫނީ މި އަންނަ އަހަރު ނިމެންވާއިރަށް، އެންމެ ލަސްވެގެން 18 މަހާއި 24 މަހާ ދޭތެރޭގައި، ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭގައި، 18 މަހާއި 24 މަހާ ދޭތެރޭގައި) މި އޮއިލް ސްޓޯރޭޖް، (ފުނަދޫގައި އެސް.ޓީ.އޯ.ގެ ފެސިލިޓީ) އެހެން ތަނަކަށް ޕްރީލޮކޭޓް ކުރުމުގެ މަސައްކަތްކޮށް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''އެއާ އެކީގައި މިހާރު މި ފެށިފައިވާ އަޅުގަނޑުމެން އެސް.އީ.ޒެޑްގެ ތެރެއިން ފެށިފައިވާ މަސައްކަތުގެ ތެރެއިން އަދި އެއަށްވުރެވެސް ފުޅާކޮށް އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްލޭންގެ ތެރެއިން އެތަނަކީ އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރއަކަށް ހެދުމަކީ، އެކަމަށް ފުރުޞަތު ހުޅުވައިލެވި، އެގޮތަށް އެތަން، ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ، އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަޞައްވުރުގައި ހިމެނޭގޮތް.'' ރައީސް ވިދާޅުވިއެވެ.

''އަދި އެ ފުނަދޫއާއި މާލެއާ، ފުނަދޫއާއި ހުޅުލެއާ ގުޅުވައިލެވިފައިވާ ބްރިޖެއް ޤާއިމްކުރެވި، އަދި ހުޅުލެއިން، ހުޅުމާލެއިން ސީ ޕްލޭން ޓަރމިނަލަށް، ހުޅުލެއިން ސީ ޕްލޭން ޓަރމިނަލަށް، ވަށާޖެހޭގޮތަށް ބްރިޖް އެޅި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ޚާއްޞަކޮށް، ދެންމެ ފެނިގެންދިޔަކަހަލަ މޮނޮރެއިލް ސިސްޓަމެއް ޤާއިމްކުރެވި، ފަސޭހަކަމާ އެކީގައި ޕެސެންޖަރުން، ކަސްޓަމަރުން، މުވައްޒަފުން ދަތުރުކުރެވޭފަދަ ނިޒާމެއް ޤާއިމްކުރުން، ދެންމެ އަޅުގަނޑުމެން މި ތަޞައްވުރު ކުރިގޮތަށް.'' ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަޝްރޫޢުގެ ޕްލޭންގައި ހުރި ގިނަ ކަންތައްތަކަކީ އެއްފަހަރާ ޕެރަލަލްކޮށް ފެށޭ ކަހަލަ މަސައްކަތް ކަމަށެވެ. އެ މަސައްކަތްތަކަށް އިންވެސްޓަރުން ހޯދުމާއި، އެކިކަހަލަ ލުއި ފައިނޭންޝަލް ފެސިލިޓީޒްތައް ފަހިކުރުމާއި، މިފަދަ ކަންކަމަކީ ހަމަ މިހާރުން ފެށިގެން ފަށަން ގަސްތުކޮށްފައިވާ ކަންތައްތައް ކަމަށާއި، އަދި އެއީ މިއަދުން ފެށިގެން ވެސް ފައްޓަވާފައިވާ ކަންކަން ކަމަށް ވެސް ރައީސްް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.