ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ނިންމެވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުއެވެ.
މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހިންގުނު މަޝްވަރާއަށްފަހު މި ދަފުތަރު އެކުލަވައިލައްވަން ރައީސް ނިންމަވާފައިވާއިރު، މި ދަފުތަރު ޑިޖިޓަލް ޕޭމަންޓް ނިޒާމް އޭގެ ތެރެއިން ގާއިމުކުރެއްވުމަށާއި، ބޭންކުތަކާ މަޝްވަރާކުރައްވައިގެން މިފަދަ ނިޒާމެއްގެ ދަށުން ބޭންކުން ނަގާ ނިސްބަތް އުވާލައިގެން މިކަން ކުރެއްވޭނެގޮތެއް ހަމަޖެއްސުމަށް ނިންމަވާފަވެއެވެ.
މީގެ އިތުރުން ޓެކްސީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކޭޝް ޕޭމަންޓް ހަދާ ފަރާތްތަކުން ހަދާ ޕޭމަންޓްތަކަކީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި ރެކޯޑުކުރެވޭ މުޢާމަލާތެއްކަމުގައި ހެދުމަށް ހަމަޖެއްސުމަށް ވެސް ވަނީ ނިންމަވާފައެވެ.
ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ޓެކްސީގެ ޚިދުމަތްދޭ ފެންވަރަށް ރާއްޖޭގައި ފޯރުކޮށްދޭ ޓެކްސީގެ ޚިދުމަތް ތަރައްޤީކުރުމަކީ ދިގުރާސްތާގައި ހާސިލުކުރުމަށް ބޭނުންވާ ކަމަކަށްވާތީ، މިކަން ހާސިލުކުރުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
ޓެކްސީ ޑްރައިވަރުންނާއިގުޅޭ ގޮތުން ރައީސް ޑރ. މުޢިއްޒު އިތުރަށް ނިންމެވިކަންކަމުގެ ތެރޭގައި ޓެކްސީ ޑްރައިވަރުންނާއި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ ޙައްޤުތަކާއި، އެ ފަރާތްތަކުގެ ޒިންމާތައް ހިމެނޭގޮތަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު އުސޫލެއް އެކުލަވާލުމަށް ނިންމަވާފައިވާއިރު، މީގެ އިތުރުންވެސް ރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު ހަރުދަނާ އުސޫލެއްގައި ތައްޔާރުކުރުމަށް މުހިންމު ނިންމެވުންތައް ރައީސް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!