އުމުރުން 50 އަހަރު މަތީގެ މީހުންނަށް މިއަދުން ފެށިގެން އާސަންދައިގެ ތެރެއިން ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން އަހަރަކު ދެ ފަހަރަ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ދިވެހިންނަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަން ފެށުމަށް 14 ހަފްތާގެ މަގު ޗާޓުގައި ވެސް ހިމަނާފައިވެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވީ މިއަދުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. އަދި 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް މި ހިދުމަތް ފެށޭނީ އަންނަ އޭޕްރީލް 1 އިން ފެށިގެން ކަމަށާއި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މި ހިދުމަތް ފެށޭނީ އަންނަ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މި ޕްރޮގްރާމްގެ މަގްސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.
މެޑިކަލް ޗެކްއަޕް ނިޒާމުގެ ތެރެއިން ހުރިހާ ދިމާލަކުން މައުލޫމާތުތައް އެއްކޮށް، އޭގެ އަލީގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ސިއްހީ ހިދުމަތަށް ކުރެވޭ ހަރަދުތަކާއި ސަރުކާރު ބައެއް ކަހަލަ ސިޔާސަތުތައް ހަރުދަނާކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލުތަކާއި، ހިދުމަތްތަކެއް ގާއިމް ކުރުމަށް މި މައުލޫމާތުގެ އަލީގައި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މި ހިދުމަތް އައިޖީއެމްއެޗުން ހޯދަން ބޭނުންވާ މީހުން ގުޅަން ޖެހޭނީ 7226614 ނަންބަރަށެވެ. ވިލިމާލޭ ހޮސްޕިޓަލުން ހެލްތު ޗެކަޕް ހެދުމަށް ގުޅާނީ 3038520 ނަންބަރަށެވެ. އަދި ހުޅުމާލެ އިން ހެލްތު ޗެކަޕް ހަދަން ގުޅާނީ 1417 އަށެވެ. ހުޅުމާލޭ ހެލްތު ޗެކަޕް ހެދޭނީ ހިޔާ 16 ނަންބަރު ޓަވަރުގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލްގެ ޖީޕީ ކްލިނިކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!