މި ސަރުކާރު ކުރިއަށް ދާނީ ރައްޔިތުން އެދޭ ސްޕީޑްގައި ބާރަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސައީދު އާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ބައެއް ވެރިން ހިމެނޭ ޓީމު ވަނީ ހަފުތާ ބަންދުގައި ހއ. އަތޮޅުގެ 14 ރަށަށް ދަތުރުކޮށްފައެވެ.
ސައީދު ވިދާޅުވިގޮތުގައި މި ދަތުރު ކާމިޔާބެވެ. އަދި ރައްޔިތުން ބޭނުންވަނީ ނަތީޖާ ނެރެން ކަމަށާއި، މި ސަރުކާރުން ބާރު ސްޕީޑްގައި އެކަން ކޮށްދޭނެ ކަމަށް ސައީދު ވިދާޅުވެފަވެއެވެ.
''ރައީސް ޑރ. މުޢިއްޒުގެ މަންދޫބުންގެ ގޮތުގައި ހއ. ގެރައްޔިތުންގެގާތަށް ކުރެވުނީ ކާމިޔާބު ދަތުރެއް. ރައްޔިތުންބޭނުންވަނީ ނަތީޖާނެރެން. ސަރުކާރުދާނީ ރައްޔިތުންއުއްމީދުކުރާ ސްޕީޑްގައި ބާރަށް'' ސައީދު ވިދާޅުވެފަވެއެވެ.
ރައީސް ޑރ @MMuizzu ގެ މަންދޫބުންގެ ގޮތުގައި ހއ ގެރައްޔިތުންގެގާތަށް ކުރެވުނީ ކާމިޔާބު ދަތުރެއް. ރައްޔިތުންބޭނުންވަނީ ނަތީޖާނެރެން. ސަރުކާރުދާނީ ރައްޔިތުންއުއްމީދުކުރާ ސްޕީޑްގައި ބާރަށް إِنْ شَاءَ ٱللَّٰهُ pic.twitter.com/qSYvz0ZKsF
— Mohamed Saeed (@em_saeed) December 23, 2023
ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ފައްޓަވާނެކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ޢިއުލާން ކުރެއްވީ 20 ޑިސެމްނަރު 2023 ވީ ބުދަ ދުވަހުގެ ރޭ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އެ ރޭ ވިދާޅުވީ ރައްޔިތުންގެ ހާލު ބެއްލެވުމަށް ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދައުލަތުގެ ވަޒީރު ބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފްދުތައް ދަތުރު ކުރައްވާނެ ކަމަށެވެ.
އެއާއިއެކު ސަރުކާރުގެ ވަފުދުތައް މިދިޔަ ހަފުތާ ބަންދުގައި ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކޮށްފައެވެ. މި ދަތުރުތަކުގައި އެ ރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، އެ ވަޒީރެއްގެ ދާއިރާ ހިމެނޭ މަސައްކަތްތެރީންނާއި، ބައެއް ކްލަބް/ޖަމިއްޔާތަކާއި، ސަރުކާރުގެ ސަޕޯޓަރުންނާއި އެކި އާންމު ރައްޔިތުންނާ ބައްދަލުކޮށް އެ ފަރާތްތަކު އަޑުއަހާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!