އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ގޮވާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާ އެއްގޮތަށް ކުރިއަށް ދެވޭނީ ހަމަލާތައް ހުއްޓުވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ 13 ގައުމެއްގެ ވޯޓާ އެކުގައެވެ. މި ގަރާރަށް ވޯޓަށް އެހުމުން އެމެރިކާ އާއި ރަޝިއާ އިން ވަކި ގޮތަކަށް ވޯޓު ދީފައި ނުވާއިރު، ގަރާރު ފާސްކޮށްފައި ވަނީ އެމެރިކާ އިން ބޭނުންވާ ގޮތަށް ބަދަލުތައް ގެނައުމަށް ފަހުގައެވެ.

Ad
rt

މި ގަރާރު ފާސްވުމާ ގުޅިގެން ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން މެދުކެނޑުމެއް ނެތި އިސްރާއިލްގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެ ހަމަލާތަކުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އދ. ގެ ގަރާރާ އެއް ގޮތަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މާހައުލެއް ގާއިމުކޮށްދީ، ހަމަލާތައް ހުއްޓުވުމަށް ނެގެން އޮތް އެންމެ ހަރުދަނާ ފިޔަވަޅުތައް އަޅައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން ގަރާރު ފާސް ކުރިއިރު، އެމެރިކާގެ ފިއްތުންތަކާ ހެދި އެ ގަރާރަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޔޫއޭއީން އެންމެ ފުރަތަމަ ހުށަހެޅި ގަރާރުގައި ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓާލުމަށެވެ. އެ ގަރާރުން އެ ބައި އުނި ކުރިއިރު، ގަރާރުގައި އޮތީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 20،057 މީހުން ޝަހީދުކޮށްލާފައިވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ހަމަލާތަކުގެ ސަބަބުން 53،320 މީހަކުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.