އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާއި ޗެލްސީ ބައްދަލުކުރި މެޗުން ވެސް ޗެލްސީ ބަލިވެއްޖއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ލީގުގައި ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފައެވެ. މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޗެލްސީ މިވަގުތު އޮތީ ވެސް ޕޮއިންޓް ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ.
ގިނަ މެޗުތަކެއްގައި ރަނގަޅަށް ކުޅުނު ނަމަވެސް ލަނޑު ޖެހުމުގައި ނުވަތަ ލަނޑުޖަހާނެ ފުރުޞަތު ހޯދުމުގައި އެ ޓީމަށް އަންނަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. ލީގުގައި މިހާތަނަށް 16 މެޗު ކުޅެފައިވާއިރު ބައިކޮޅަށް 26 ލަނޑު ވަނީ ވަދެފައެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗް ޕޮޗެޓީނޯއަށް ވަނީ ޕްރެޝާ ބޮޑުވެފައެވެ.
ރޭ މެޗުގައި އެވަޓަންއަށް ފުރަތަމަ ލަނޑު ޖަހައިދިނީ 54 ވަނަ މިނެޓުގައި ޑޮކޫރޭއެވެ. ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ޑޮބްލިންއެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. ލީގުގެ ފައިނޭންސް އުސޫލުތަކާއި ހިލާފްވުމުން އެވަޓަން އަތުން 10 ޕޮއިންޓް އުނިކުރުމުން އެ ޓީމް ރެލިގޭޝަން ޒޯނަށް ވެއްޓުނު ނަމަވެސް އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެ މިހާރު އެ ޓީމްވަނީ ރެލިގޭޝަން ޒޯނާއި ހަތަރު ޕޮއިންޓް ދުރަށް ޖެހިލާފައެވެ. އެ ޓީމް މިވަގުތު އޮތީ 16 މެޗުން ލިބުނު 13 ޕޮއިންޓާއިއެކު ތާވަލުގެ 17 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!