ރަށްރަށުގައި ސަރުކާރުން އަޅާފައި ހުރި ހައުސިން ޔުނިޓްތަކާއި، ފްލެޓްތަކުގެ ކުލި ކުޑަކޮށްފިއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން އަޅާފައިވާ ރޯ ހައުސްތަކާއި، ހައުސިން ޔުނިޓްތަކާއި ފްލެޓްތައްފަދަ އާންމު ބޯހިޔާވަހިކަމުގެ ތަންތަނަށް މަހަކު 5000 އެއްހާ ރުފިޔާ ދައްކަންޖެހޭ ކަމަށެވެ.
''ރަށްރަށުގައި އަޅާފައި ހުރި ރޯހައުސްތަކާއި، ހައުސިން ޔުނިޓްތަކާއި ބޯހިޔާވަހިކަމުގެ މިކަހަކަތަންތަން 5000 ރުފިޔާއަށް މިކަހަލަ ބޮޑެތި އަގުތަކަށް ދީފައި ހުރީ، އަޅުގަނޑުމެން ވައުދުވިން ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ އަގު ކުޑަކޮށްދޭނެ ކަމަށް'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެކަމާއި ގުޅިގެން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާމެދު މަޝްވަރާކުރެއްވުމަށްފަހު އެތަންތަނުގެ އަގު ކުޑަކޮށްދޭން ނިންމަވާފައިވާ ކަމަށެވެ.
އެތަންތަނުގެ ކުލި ކުޑަކޮށްދެއްވުމަކީ ރިޔާސީ ވައުދެއްކަމަށް ފާހަގަކުރައްވައި ހުރިހާ ރަށެއްގައި ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢޫގެ ދަށުން އަޅާފައި ހުރި އެފަދަ ތަންތަނުގެ ކުލި މަހަކު، 3330 ރުފިޔާ އަށް ކުޑަކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ވެސް އެތަންތަނަށް ފައިސާ ދައްކަން އޮތް 20 އަހަރުގެ ތެރޭގައި މިގޮތައް ފައިސާ ދެއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ބަދަލާއެކު އެތަންތަން ލިބިފައިވާ ރައްޔިތުންނަށް ލިބިގެން ވަރަށްބޮޑު ލުޔެއް ލިބިގެންދާަނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަންކޮޅެއް ކުރީގައި މަހަކު 2500 ރ. ދައްކާގޮތައް ދީފައި ހުރި ހައުސިން ޔުނިޓްތަކެއް ރަށްރަށުގައި ހުންނާނެކަމަށާއި، އެތަންތަނަށް ދައްކަންޖެހޭނީ މިހާރު ވެސް ދައްކަމުން އަންނަ ޢަދަދު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!