ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސިޔާސީ ބޭނުމަށް ރާއްޖޭގެ ޒުވާން އާބާދީ އަށް ވަޒީފާދީ، ކަންނެތްކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ތޯރިގް ވިދާޅުވީ ވަޒީފާ އިން ވަކިކުރާ ކަމަށް އެ ބުނަނީ ކޮންޓްރެކްޓް އުސޫލުން އިންޖީނުގެ އަޅަން ހަވާލުކޮށްފައި ތިބި މުވައްޒަފުންނަށް ކަމަށެވެ. އެ މުވައްޒަފުންނަކީ ކޮންޓްރެކްޓްގެ މަސައްކަތް ނިމުމުން އެމީހުންގެ ވަޒީފާ ނިމޭ ބައެއް ކަމަށާއި އެކަމުގައި މައްސަލައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

ފެނަކައިގައި "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަން ފެނަކައިން ވަނީ ނިންމައިފައެވެ. "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި 2،000 މުވައްޒަފުން ނަގާފައިވެއެވެ.

ތޯރިގް ވިދާޅުވީ ފެނަކައަކީ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން ވައްކަން ކުރުމަށްޓަކައި ހަދާފައި އޮތް ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ދަރަނި މިހާރު ހުރީ ތިން ބިލިއަން ރުފިޔާގައި ކަމަށެވެ. ރާއްޖޭގެ މަސްވެރިކަން ފުނޑުނީ 5،000 ރުފިޔާ ނުވަތަ 6،000ރ. ގެ މުސާރައަކަށް ފެނަކައިން ޒުވާނުންނަށް ވަޒީފާ ދިނުމުގެ ސަބަބުން ކަމަށެވެ. އެގޮތަށް ކަންކަން ކުރީމަ ރާއްޖޭގެ އިގްތިސާދުގައި ހިމެނޭ ބައެއް ސިނާއަތްތައް ފުނޑިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ޒުވާން އާބާދީގެ ބޮޑު ބައެއް އެ ތިބެނީ ކަންނެތް ބަޔަކަށް ބަދަލުކޮށްފައި ހަމަ ފެނަކަ ކޯޕަރޭޝަނަށް ސިޔާސީ ބޭނުމަށް މުސާރަތަކެއް 7،000ރ. ދީގެން. އެ ޒުވާނުންނަށް 20،000ރ. ލިބެން އޮއްވައި މައިންބަފައިން ކައިރީ ތިބެވޭނެއޭ ކިއާފައި ރާއްޖޭގެ އިގްތިސާދު ތެރޭގައި ޒުވާން އާބާދީއެއް ކަންނެތް ކޮށްލާފައި މިވަނީ. ހަމައެކަނި ޕަބްޖީ ކުޅެން ގޭތެރޭގައި ބައިތިއްބާފައި އެ ތިބީ." ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ފެނަކައިގައި މާ ބޮޑު ދަރަންޏެއް ނެތް ކަމަށެވެ.