ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ އެލާޓް ލެވެލް ވަނީ އާދައިގެ ލެވަލް އަށްވުރެ "އެއް ލެވެލް" މަތިކުރެވިފައި ކަމަށާއި މިއީ ފަހަރެއްގައި ވެސް ކަނޑައެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރޭޓެއް އޮވެގެން އެޅި ފިޔަވަޅެއް ނޫން ކަމަށެވެ.

Ad
rt

"އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް. އަދި އެއާޕޯޓްތަކުގެ ސެކިއުރިޓީ ވެސް ވަނީ އިތުރަށް މަތިކުރެވިފައި"

އާޒިމް ވިދާޅުވިއެވެ.

ސިފައިންގެ އާންމު ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރުމަށް "އެލާޓް" ސްޓޭޓަސް މަތިކުރުމަށް ވަކި ދަރަޖަތަކެއް އަމަލުކުރުމަށް އޮންނަ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން މިރޭ 7:00 އިން ފެށިގެން ވަނީ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ 2" އަށް ބަދަލުކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށްވުމާއިއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށް ބުނެފައެވެ.