ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަކީ ޕީޕީއެމް/ޕީއެންސީ އާއި މުޢިއްޒަށް ވޯޓުދިން އެންމެންގެ ޒިންމާއެއް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް، އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ރޭ ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ފެޔަށް ޖެހިވަޑައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވިކަމަށް ޢިއުލާން ކުރައްވާފައެވެ.

Ad
rt

މިހެން ކަންހިނގާފައިވަނިކޮށް މުހައްމަދު ''އެކްސް''ގައި ވިދާޅުވީ، ދިވެހީންގެ ރާއްޖޭގެ އެންމެމަތީ ވެރިޔާގެ މަގާމުކަމުގައިވާ ޤައުމުގެ ރައީސްކަން ޑރ. މުހައްމަދު މުޢިއްޒާއި ރައްޔިތުން ހަވާލުކުރީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ.

''މި ވެރިކަން ދަމަހައްޓާ ނެގެހެއްޓުމަކީ ޕީޕީއެމް/ޕީއެންސީގެ އެންމެހާ މެންބަރުންނާ ރާއީސް މުޢިޒައް ވޯޓުދެއްވި ރައްޔިތުންގެ ޒިންމާއެއް'' މުހައްމަދު ވިދާޅުވެފަ ވެއެވެ.

މުހައްމަދު މި މޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން އައު ޕާޓީއެއް އުފައްދަވައި މަސައްކަތް ކުރައްވާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް ބެލެވެއެވެ. އަދި ޔާމީނާއެކު މިހާރުގެ ވެރިކަން ހިންގާ ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުންތަކެއް ވެސް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ޔާމީންގެ ރޭ ނިންމެވުމަށްފަހު މިހާރު ވަނީ އަލަށް އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީގެ ނަމާއި ލޯގޯ ވެސް ފައިނަލް ކުރައްވާފައެވެ.