ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ރޭ ފަތިހު ދިވެހިންތަކެއް ދަތުރުކުރަމުން ދިޔަ ޓެކްސީއެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިނުރައްކާތެރި އެކްސިޑެންޓެއްގައި ޓެކްސީން ދަތުރުކުރި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއްވެ، މިހާރުދަނީ ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިޓަލު އައިސީޔޫގައި ފަރުވާދެމުންނެވެ. އެކްސިޑެންޓު ވެފައިވަނީ އެމީހުން ތައިލެންޑްގެ ސުވަރްނަބޫމީ އެއާޕޯޓުން އެމީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށެވެ.

Ad
rt

އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ، ވިޔަފާރި ދަތުރަކަށް ބެންކޮކަށް ދިޔަ ސ. ހުޅުދޫ އުމުރުން 44 އަހަރުގެ އަހްމަދު ސައީދާއި، އަބްދުﷲ ސަބާހްގެ އިތުރުން އަހްމަދު ރަޝީދު ކިޔާ މާލެ މީހަކަށެވެ.

އަނިޔާވި ސައީދު މިހާރުވެސް އޮޕަރޭޝަނެއް ކުރުމަށް ތިއޭޓަރަށް ވައްދާފައިވާއިރު، އިތުރު ސާޖަރީއެއް ކުރަންޖެހޭކަމަށް ރާއްޖެއިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހު ވިދާޅުވެފައިވެއެވެ. އެކްސިޑެންޓްގައި އަނިޔާވި ސައީދުގެ ބޮލަށާއި މައިބަދައަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ސައީދުގެ ކަރުން ތިރި އެއްކޮށް ޕެރަލައިޒް ވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އެކުވެރިއަކު ބުންޏެވެ.

ތައިލެންޑްގައި ހުންނަ އެމްބަސީގެ އޮފިޝަލުން ވެސް މިހާރު އަންނަނީ ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުން އެވެ.