ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކުރުމަކީ އައު ސަރުކާރުގެ ވިސްނުމެއްކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖޭގެ ނޫސްވެރިންނާއެކު ރޭ މާލޭ ސޯސަލް ސެންޓަރުގައި ވަނީ ''ނޫސްވެރިންގެ ގުންޒަރު''ގެ ނަމުގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމަކީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ނޫސްވެރިންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވެވި ބައްދަލުކޮށްލެއްވުމެކެވެ.

Ad
rt

މި ބައްދަލުވުމުގައި ނޫސްވެރިންނަށް ފުޅާދާއިރާއެއްގައި އެ ނޫސްވެރިއެއްގެ ޚިޔާލު ފާޅުކުރަން ފުރުސަތު ދީފައިވާއިރު، އެ އައިޓަަމަށްފަހު އިންތިޚާބީ ރައީސް އާއި ނައިބު ރައީސްގެ ވާހަކަފުޅު ދެއްކެވުން އޮތެވެ.

ނޫސްވެރިންނަށް ޚިޔާލުފާޅު ކުރުމަށް ދިން ފުރުސަތުގައި ބައެއް ނޫސްވެރިންވަނީ، ރައީސް މައުމޫންގެ ދައުރުން ފެށިގެން މިއަދާއި ހަމައަށް ''މީޑިއާ ކްލަބެއް''ގެ ވާހަކަ އިވޭކަމަށާއި، ނަމަވެސް އެކަމުގައި މިހާތަނަށް ކުލަ ޖެހިފައިނުވާކަން ފާހަގަކޮށްފައެވެ. އަދި އެކަން ހަމަޖެހިގެން ދިޔުމަކީ މީޑިއާތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްކަމަށްވާތީ، އެކަން ކޮށްދިނުމަށް ބައެއް ނޫސްވެރިން ވަނީ އެދިފައެވެ.

މި ބައްދަލުވުމުގައި އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ މިހާރު މީޑިއާތައް ހިންގަނީ ތަންތަން ކުއްޔަށް ހިފައިގެންކަން ފާހަގަކުރައްވައި، އެއީ މިހާރުން މިހާރަށް ޙައްލުކުރެވޭނެކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

''އަޅުގަނޑުމެން މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައި ގްރޭޓަރ މާލޭ ރީޖަންގައި މީޑިއާތަކަށް ޚާއްސަ މީޑިއާ ކްލަބެއް، މީޑިއާ ވިލެޖެއް ޤާއިމުކުރަން، މީޑިއާ ވިލެޖެއް އިރާދަކުރެއްވިއްޔާ ގާއިމްކުރުމުގެ ކޮންސެޕްޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެ ކަމަށް މަގުފަހިކުރާނަން'' ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.

ރޭގެ މި ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ އިތުރުން، އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، އައު ސަރުކާރުގެ ކެބިނެޓާއި، ރައީސް އޮފީހަށް އައްޔަނުކުރައްވާ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކަށް އައްޔަނުކުރާ ވެރިންނާއި އަދި އައު ސަރުކާރުގައި މީޑިއާ އާއިގުޅުންހުރި މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން އައްޔަނުކުރާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ އޮންލައިން މީޑިއާތަކާއި، ރާއްޖޭގެ ބްރޮޑްކާސްޓިން ދާއިރާގެ ނޫސްވެރިންނާއި، މަޖައްލާތަކުގެ ނޫސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.