އަންނަ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، 2023 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.
މި ދެކަންތައް ކުރީގެ ބައެއް ޖަލްސާތަކަށް ވެސް އެޖެންޑާ ކުރިނަމަވެސް އެއިރު ހުށަހެޅިފައި އޮތް މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައަށް ގޮތެއް ނުނިމޭތީ މި މަސައްކަތްތައް އޮތީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.
ނަމަވެސް މަޖިލީހުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދު އިއްޔެ ހަވީރު އިސްތިއުފާ ދެއްވުމުން ރޭ 10:00 ޖަހާއިރު ފެށި މަޖިލީހުގެ ޖަލްސާގައި ވަނީ މަޖިލީހުގެ އައު ރައީސަކަށް އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އިންތިޚާބުކޮށްފައެވެ.
އެއާއެކު މިއަދު ހެނދުނަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، 2023 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ވަނީ އެޖެންޑާކޮށްފައެވެ.
ބަޖެޓް ހުށަހަޅަން ދެ ޖަލްސާ އެއް މީގެކުރިން ތާވަލު ކުރިނަމަވެސް ފުރަތަމަ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަޑައިނުގަތީ ނަޝީދުގެ އިތުބާރުގެ މައްސަލައަށް ގޮތް ނުނިންމާ އޮތުމުން އޭޖީގެ ލަފާފުޅުގެ މަތީންނެވެ. އަދި އިއްޔެ ވެސް ބަޖެޓްގެ މަސައްކަތް އެޖެންޑާކޮށް ޖަލްސާ އެއް ތާވަލު ކުރިނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާއަށް ވެސް އަމީރު ވަޑައި ނުގަންނަވައެވެ.
މި ދެ ބަޖެޓު މަޖިލީހަށް ހުށަހަޅާ، މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާނީ ހެނދުނު 9:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!