ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ގެ އަންހެން ބައިގެ ސެމީ ފައިނަލުގައި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް ބަލިކޮށް ފައިނަލުން ޓީމް ހަނިމާދޫ ޖާގަ ހޯދައިފިއެވެ.
މިއަދު ހަވީރު ވައިކަރަދޫ ވޮލީ ކޯޓުގައި ކުޅުނު ސެމީ ފައިނަލް މެޗު ހަނިމާދޫއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ހަނިމާދޫ ސެޓްތައް ގެންދިޔައީ (25/21، 25/17، 27/25) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމާދޫ ޓީމްގެ ޖޯޒީ ނަމްބަރ 4، ހައްވާ ރާޝިދާއެވެ.
އަންނަ އަންގާރަ ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫއާއި ނޮޅިވަރަންފަރު ލައިކަންއެވެ. މި ދެ ޓީމް ވަނީ މުބާރާތުގެ ގްރޫޕް ބުރުގައި ވެސް ބައްދަލު ކޮށްފައެވެ. ވާދަވެރި ކުޅުމަކަށް ފަހު އެ މެޗު ކާމިޔާބު ކުރީ ލައިކަން އިންނެވެ.
މި މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ބައްދަލުކުރާނީ ޓީމް ނައިވާދޫއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް އެވެ. ފިރިހެން ބައިގެ ފައިނަލް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ ޓީމް ހަނިމާދޫއެވެ.
މި މުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭއިރު ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 35000 (ތިރީސް ފަސްހާސް) ރުފިޔާ އަދި ކޮންމެ ޑިވިޝަނަކުން ރަނަރަޕް ހޯދާ ޓީމަކަށް 15000 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!