ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އެ ރަށުގެ ކަނބަލުންނަށް އަމާޒު ކޮށްގެން ބާއްވާ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

Ad
rt

ކޯހުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން 1500 (ފަނަރަސަތޭކަ) ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ މަދުވެގެން ދިހަ ބައިވެރިން، ބައިވެރިވާނަމައެވެ. މި ކޯހުން އެންމެ ގިނައިން ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ވިހި ބައިވެރިންނަށެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނޮޅިވަރަންފަރު ކައުންސިލަށް ވަޑައިގެން ނަން ނޯޓް ކުރެއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ.

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ 2021 ވަނަ އަހަރު ވެސް އެރަށުގައި ފަހާ ކޯހެއް ހިންގާފައެވެ. 2021 ވަނަ އަހަރުގެ ނޮވެމްބަރުގައި ބޭއްވި މިކޯހުގައި އެރަށުގެ 30 މީހަކު ބައިވެރިވެ ކޯސް ފުރިހަމަކޮށްފައި ވެއެވެ.

މީގެ އިތުރުން ވެސް އެކޮމެޓީން އަންނަނީ ރަށުގެ މީހުން ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެރަށުގައި ފަހާ ކޯހުގެ އިތުރުން ޕޭސްޓްރީ ކޯހާއި، ޖަނާޒާ ކޯހާއި، ރަށުގެ ކަނބަލުންނަށް ގޭތެރޭގައި ކަަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމާއި، ކޭކު އަޅަން ދަސްކޮށްދޭ ކޯހާއި އަދި ގިރާއަތު ކޯސްފަދަ ކޯސްތައް ހިންގާފަވެއެވެ.