ފަލަސްތީނުގެ ޣައްޒާގައި ހުންނަ ގަތަރީ ހޮސްޕިޓަލްގައި ހަމާސްގެ ބިންގަރާހެއް ހުރި ކަމަށް ބުނެ އިސްރާއީލް ސިފައިން ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށް، އެ ތަނުގައި ބިންގަރާހެއް ނެތް ކަން ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލް އަލް-ޖަޒީރާ އިން ފަޅާ އަރުވާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ތަކުރާރުކޮށް ބުނަމުން އަންނަ ގޮތުގައި ހަމާސްގެ މުޖާހިދުން އިސްރާއީލަށް ހަމަލާތައް ދިނުމުގައި ހޮސްޕިޓަލްތައް ބޭނުން ކުރެއެވެ. އަދި ހަމާސް ޖަމާއަތުގެ މައިގަނޑު އޮޕަރޭޝަންތައް ހިންގަމުން އަންނަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް-ޝިފާ ހޮސްޕިޓަލްގެ އަޑީގައި ކަމަށް ވެސް އިސްރާއީލުން ތުހުމަތުކޮށްފައިވެއެވެ. އެ ތުހުމަތުކޮށް، އިސްރާއީލުން މީގެކުރިން ވަނީ ޝިފާ ހޮސްޕިޓަލް ހިމެނޭ ގޮތަށް ގިނަ ހޮސްޕިޓަލްތަކަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާތައް ވެސް ދީފައެވެ.

Ad
rt

އިސްރާއީލުން ބުނާ ގޮތުން ޝިފާ ހޮސްޕިޓަލްގެ އިތުރުން އަލް-ގުދުސް ހޮސްޕިޓަލާއި ޝެއިހް ހަމަދު ބިން ހަލީފާ ފޯ ހޮސްޕިޓަލް އެންޑް ރިހެބިލިޓޭޝަން އެންޑް ޕްރޮސްތެޓިކްސް ނުވަތަ މަޝްރޫރު ނަމުން ނަމަ، ގަތަރީ ހޮސްޕިޓަލް ހަމާސް އިން ބޭނުން ކުރަނީ އިސްރާއީލަށް ރޮކެޓުތައް ފޮނުވާލުމަށެވެ.

ޔަހޫދީ އަސްކަރިއްޔާ އިން މި މަހުގެ 5 ވަނަ ދުވަހު އެކްސްގައި އާންމު ކުރި ވީޑިއޯއެއްގައި ހޮހޮޅައެއް ދެއްކުމަށް ފަހު އެ ތަނަކީ ހަމާސް ޖަމާއަތުގެ މުޖާހިދުން ބިންގަރާހަށް ވަންނަ ތަން ކަމަށް ބުނެ، އޭގެ ފޮޓޯތަކެއް އާންމުކޮށްފައިވެއެވެ. އެ ފޮޓޯގައި ފެންނަނީ ބޮޑު ހޮހޮޅައެއް ގޮތަށް ހަދާފައި ހުރި ތަނެކެވެ.

އިސްރާއީލުން އެ ބުނާ ބިންގަރާހުގެ ހަގީގަތް ހޯދަން އަލް-ޖަޒީރާގެ ޑިޖިޓަލް ތަހުގީގު ޓީމުން ވަނީ ހާއްސަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން މި ތަން ހުރި ތަނުގެ ފޮޓޯ އާއި ސެޓަލައިޓް ފޮޓޯތަކާއި މީގެ އަށް އަހަރު ކުރިން މި ހޮސްޕިޓަލް އިމާރާތް ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އެއްކޮށްފައިވެއެވެ.

އޭގެތެރެއިން އެއް ވީޑިއޯ ކްލިޕްގައި ވަނީ ބިމު އަޑީގައި ތަނެއް ހެދިކަން ހާމަވާ ކަމަށާއި ނަމަވެސް އެއީ އެއްވެސް ހޮހޮޅައަކާއި ނުވަތަ ވަކި ތަނަކަށް ދެވޭނެހެން ހަދާފައިވާ ތަނެއް ނޫން ކަމަށް ބުނެފައިވެއެވެ. އަދި އިތުރަށް ބެލި ބެލުމުން ޓީމަށް އެނގިގެން ދިޔައީ އެއީ އެއީ ފެން ރައްކާކުރަން ހަދާފައިވާ ތަނެއް ކަން އެނގުނު ކަމަށް ބުނެފައިވެއެވެ.

"އިތުރަށް ބެލުމުން އަޅުގަނޑުމެންގެ ޑިޖިޓަލް އިންވެސްޓިގޭޝަން ޓީމަށް އެނގުނީ ފެން ޓޭންކެއް ކަމަށް." އަލް-ޖަޒީރާ އިން ބުނެފައިވެއެވެ.

މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތުގައި އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކާ ވެސް އަލް-ޖަޒީރާ އިން ވަނީ ވާހަކަ ދައްކައިފައެވެ.

"އަހަރެން ވާނީ އެތައް މަހަކު ޝެއިހް ހަމަދު ހޮސްޕިޓަލް ފޯ ޕްރޮސްތެޓިކްސް ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަަސައްކަތުގައި އުޅެފައި. އިސްރާއީލުން އެ ބުނާ ވަޅުގަނޑު ހުންނާނީ ހޮސްޕިޓަލްގެ އިރުއުތުރު ފަޅީގައި. އެއީ ބިންގަރާހުގައި ހަދާފައި ހުރި ފެން ޓޭންކެއް." އެމީހާ ކިޔައި ދިނެވެ.

އަލް-ޖަޒީރާއިން ބުނެފައިވަނީ އެތަން އިމާރާތް ކުރި މީހާ ކުރަހާފައި ދައްކާފައިވާ ފޮޓޯ އާއި އިސްރާއީލުން އާންމު ކޮށްފައިވާ ވީޑިއޯއަށް ބަލާއިރު، އެތަނާ ކައިރީގައި ޕްރެޝަރު ހަމަހަމަ ކުރަން ހަރުކޮށްފައިވާ ބައެއް ވެސް ހުރި ކަން އެނގިގެން ދިޔަ ކަމަށެވެ. އެހެން ކަމުން އިސްރާއީލުން އާންމު ކޮށްފައިވާ ވީޑިއޯއިން ހަމައެކަނި ޔަގީން ވެގެން ދަނީ އެތަނުގައި ހުރީ ފެން ޓޭންކެއް ކަމަށް ވެސް އަލް-ޖަޒީރާގެ ތަހުގީގު ރިޕޯޓު ނިންމާލަމުން ބުނެފައިވެއެވެ.