ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 481 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލުން އާއްމުކޮށްފައިވާ އެ ބޭންކުގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކަށް އާމްދަނީގެ ގޮތުގައި ޖުމްލަ 1.063 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރިގައި ވެސް އެ ބޭންކަށް ލިބިފައިވާ އާމްދަނީއާ އެއްވަރުގެ އަދަދެކެވެ.
މިއަހަރުގެ ދެވަަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އެއްވަރުވި ނަމަވެސް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބުނީ 1 ބިލިއަން ރުފިޔާއެވެ.
އާމްދަނީގެ އިތުރުން ބީއެމްއެލްއަށް ލިބުނު ސާފު ފައިދާ ވެސް ތިން ވަނަ ކުއާޓަރުގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ބޭންކަށް 367.4 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނުއިރު މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނީ 481 މިލިއަން ރުފިޔާއެވެ. މިއީ 31 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ މިއަހަރުގެ އެ މުއްދަތުގައި އިތުރުވި ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ބީއެމްއެލްގެ ސާފު ފައިދާ ވަނީ 13 އިންސައްތަ ދަށްވެފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބޭންކަށް 551.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނެވެ.
މާލީ ރިޕޯޓުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި ބީއެމްއެލުން ވަނީ ވިޔަފާރިތަކާއި އަދި ވަކި ކަސްޓަމަރުން ހިމެނޭހެން ޖުމްލަ 3.4 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އޭޓީއެމް މެދުވެރިކޮށް އެވްރެޖުކޮށް 40،000 ޓްރާންސެކްޝަން ހައްދާ ކަމަށާއި 232،000 އަށްވުރެ ގިނަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ޓްރާންސެކްޝަން ދުވާލަކު ހަދާ ކަމަށް ވެސް މާލީ ރިޕޯޓުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!