ށ. މިލަންދޫ އާއި އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި ދެ މިސްކިތް ވެސް އަޅަން ހަވާލުކޮށްފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.
މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު ފިރާޤެވެ.
މި އެއްބަސްވުމުގެ ދަށުން މިލަންދޫގައި އިމާރާތްކުރާ 700 މީހުންގެ ޖާގައިގެ މިސްކިތުގެ އެއްބަސްވުމުގެ އަގަކީ 15,174,897.40 ރުފިޔާ އެވެ. އަދި އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަގަކީ 17,488,559.49 ރުފިޔާ އެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރާ މި މިސްކިތްތައް 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާއިރު މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރެވޭ މިސްކިތްތަކެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ޙަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށާއި އެކަމުގައި މިނިސްޓްރީގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ، އެރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ކަންތައް ވަރަށް ގާތުން ބައްލަވައި މަޢުލޫމާތު އޮޅުން ފިލުއްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ބައިވެރިވެވަޑައިގެންފައިވާއިރު، އޭނާ ދެއްކެވި ވާހަކާގައި ވިދާޅުވީ އުންމީދަކީ ވީހާވެސް އަވަހަށް މި މަސައްކަތްފެށިގެން ދިޔުންކަމަށްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!