ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް ނަގާ އިތުބާރުނެތްކަމުގެ ވޯޓުގައި ނަޝީދު ވަކިކުރުމަށް ވޯޓުލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގުރޫޕު (ޕީޖީ ގްރޫޕް) އިން ތުރީލައިން ވިޕް ނެރެފި އެވެ.

ތުރީލައިން ވިޕަކީ އޭގެ މައްޗަށް މެންބަރުން ޢަމަލުކުރަން ލާޒިމްކުރުވާ އުސޫލަކަށްވާއިރު، ނަޝީދު ވަކިކުރަން ތުރީލައިން ވިޕް ނެރުމަށް ފާސްވީ މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

Ad
rt

ނަޝީދުގެ އިތުބާރުގެ މައްސަލަ ހިންގާ ދުވަހު އެމަނިކުފާނަށް ޖަވާބުދާރީ ވުމަށް ދިނުމަށް މަޖިލީހުގެ އާންމު ކޮމެޓީން 30 މިނިޓްގެ ވަގުތު ދިނުމަށް ނިންމާފައިވާއިރު، ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރުމަށް ވަނީ ނިންމާފައެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަނީ

މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 12 އޮކްޓޯބަރު 2023 ގައެވެ.

އެ މައްސަލަ މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު އެމްޑީޕީންނެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.