ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއަށް އާ ޓެކްނިކަލް ޑައިރެކްޓަރަކު ހަމަޖައްސައިފިއެވެ. މިމަޤާމަށް ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުގެ ކުރީގެ ކުޅުންތެރިޔާ އަދި ޓެކްނިކަލް ޑިރެކްޓަރ ޖުޑާން އަލީއެވެ. މިކަން ހާމަކޮށްފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭކިރެއްވި ޓްވީޓެއްގައެވެ.

އެފްއޭއެމްއަށް އާ ޓެކްނިކަލް ޑައިރެކްޓަރަކު ހަމަޖެއްސުމާއި ގުޅިގެން ކުޅިވަރު ވަޒީރު އަހުމަދު މަޙްލޫފުވެސް ވަނީ މަރުހަބާ ވިދާޅުވެ ޓްވީޓް ކުރަށްވާފައެވެ. ކުޅިވަރު ވަޒީރުގެ ޓްވީޓްގައި އައު ޓެކްނިކަލް ޑައިރެކްޓަރާއެކު އޭނާގެ ތަޖުރިބާގެ އަލީގައި ދިވެހި ފުޓްބޯޅައަށް ކުރިއެރުންލިބި، ގައުމީ ޓީމު ހޯދާ ނަތީޖާތައް ރަނގަޅުވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

Ad
rt

8 މެއި 1978 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ލަންޑަނަށް އުފަންވި އަލީ ވަނީ ފުޓްބޯޅައިގެ ކެރިއަރުގައި ގިނަ ތަޖުރިބާ ތަކެއް ހޯދާފައެވެ. އޭނާއަކީ ކުރީގެ ފުޓްބޯޅަ ކުޅުން ތެރިއެއްގެ އިތުރުން ކޯޗެއްވެސް މެއެވެ. ސްޕެއިންގެ ބާސެލޯނާގެ ކާމިޔާބު އެކަޑަމީ ކަމަށްވާ ލަމާސީއާގައި މަސައްކަތްކޮށް، އާސަނަލް އަދި ބާސެލޯނާ ޔޫތު ޓީމަށްކުޅެ ގިނަ ތަމްރީނާއި ތަޖުރިބާ ހޯދާފައެވެ.

ޔުއެފާ އޭ ލައިސެންސް ހާސިލު ކޮށްފައިވާ އަލީގެ އެންމެ ހާއްސަ ރޮނގަކީވެސް ޔޫތު ކޯޗިންއެވެ. އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ މަސައްކަތްތައްކޮށްފައިވާ ތަންތަނުގެ ތެރޭގައި، ހޮންކޮންގ ޕްރެމިއަރލީގް ގެ އީސްޓަން ފުޓްބޯލް ކްލަބާއި، ލެޓްވިއާ ފުޓްބޯޅަ ފެޑެރޭޝަނާއި، އައިސްލޭންޑްގެ އައިއޭ އަކްރަނެސް ފުޓްބޯލް ކްލަބާއި، އިނގިރޭސިވިލާތުގެ ބްލެކްބަރން ރޯވަރސްއާއި، ޓައިވާންގެ ޗައިނީސް ޓައިޕޭ ނެޝަނަލް ޓީމާއި، ހޮންކޮންގގެ ކިޓްޗީ ފުޓްބޯލް ކުލަބްގެ އިތުރުން އިންޑޮނޭޝިއާ ގައުމީ ޓީމްގެ ހެޑްކޯޗް އަދި މެނޭޖަރގެ މަޤާމް ފުރުން ހިމެނެއެވެ. ޢަލީ އެންމެ ފަހުން ކޯޗުކަން ކޮށްދީފައިވަނި އިންޑޮނޭޝިއާގެ އެންމެ މަތީ ފުޓްބޯޅަ ލީގުގެ ޕެރސެލަ ލަމޮންގަން ފުޓްބޯލް ކްލަބަށެވެ.

އެފްއޭމްގެ މިހާރުގެ ލީޑަރޝިޕުން ދިވެހި ފިޓްބޯޅައަށް އިހުމާލުވެ، ފުޓްބޯޅަ ކުރިއެރުވުމުގައި އެދެވޭ ނަތީޖާއެއް ނެރެވެމުންނުދާ ކަމަށް ދިވެހި ފުޓްބޯޅަށް ލޯބިކުރާ ގިނަ ބަޔަކު ބުނަމުން އަންނަ މިދަނޑިވަޅުގައި ޢަލީ ކުރިމަތިލާފައި މިވަނި ވަރަށްބޮޑު ޗެލެންޖަކާއެވެ. ދިވެހި ރައްޔިތުން އެފްއޭމާމެދު އުންމީދުކެނޑި، ފަހުގެ މުބާރާތްތަކުގައި ޤައުމީޓީމަށް ދިމާވެފައިވާ މާޔޫސްކަމުން އަރައިގަންނަން ޢަލީގެ ތަޖުރިބާ ވަރަށް މުހިންމެވެ.