ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދިޔަ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގެ އެންމެމޮޅު އަންހެން އެތްލީޓަކަށް އިބްރާހިމް ނާހިލް ނިޒާރާއި އަހުނާ ނިޒާރު ހޮވިއްޖެއެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މި މުބާރާތުގެ އެންމެމޮޅު އަންހެން އެތްލީޓަކަށް ހޮވުނު ޖަލާލުއްދީން ސްކޫލުގެ އަހުނާއަކީ ގައުމީ ޓީމުގައި ވެސް ހިމެނޭ އެތްލީޓެކެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ނާހިލް އަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތްލީޓެކެވެ. އޭނާ އަކީ ވެސް ގައުމީ ޓީމުގެ މެމްބަރެކެވެ.
މި މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ނާހިލް ހޯދިއިރު، 100 މީޓަރާއި 200 މީޓަރުގެ ލޯންގް ޖަމްޕުން އޭނާ ވަނީ ރަން މެޑަލް ހޯދާފައެވެ. އޭނާ ވަނީ 20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ވެސް ހޯދާފައެވެ.
އަހުނާ، 100 މީޓަރާއި 200 މީޓަރުގެ ޓްރިޕަލް ޖަމްޕުގެ ރަން މެޑަލް ހޯދިއިރު، އޭނާ ވަނީ 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ވެސް ހޯދާފައެވެ.
މުޅި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. އަދި އަންހެން ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލެވެ.
އެ މުބާރާތުގައި 35 ޓީމަކުން ޖުމުލަ 1124 އެތުލީޓުން ވާދަކުރިއެވެ. އެއީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ. ރޭ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު، މުބާރާތް ނިންމާލީ ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތަކާއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!