ބ. އަތޮޅާއި ވ. އަތޮޅުން 12 ސަރަޙައްދެއް ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ބ. އަތޮޅާއި ވ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާ ހޯއްދެވުމަށްފަހުގައި މިއަދު ކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވައެވެ.

Ad
rt

މި ސަރަހައްދުތައް ހިމާޔަތް ކުރުމާއިގުޅޭގޮތުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވަނީ ކަރުދާހެއް ހުށަހަޅުއްވާފައެވެ. މި ކަރުދާހާމެދު މަޝްވަރާ ހިންގެވުމަށްފަހު ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ސަރަހައްދު ތަކަކީ،

  1. ބ. ދަރަވަންދޫ ތިލަ ސަރަޙައްދު
  2. ބ. ނެލިވަރު ސަރަޙައްދު
  3. ބ. އިންނަފުށި ސަރަޙައްދު
  4. ބ. ހުރާފަރު ސަރަޙައްދު
  5. ވ. ކަވަރުފަޅު ސަރަޙައްދު
  6. ވ. ފޮއްތެޔޮ ސަރަޙައްދު
  7. ވ. ހިނގާކުޅީ ފިނޮޅު ސަރަޙައްދު
  8. ވ. ތުޑުހުރާ
  9. ވ. ރުއްހުރި ހުރާ
  10. ވ. ރަކީދޫ ކޯނަރ
  11. ވ. ފުށިފަރު ފަރުގެ ސަރަޙައްދު
  12. ވ. ހުރާ ފަޅު

މިއީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްޞަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކަކަށްވީހިނދު، މި ސަރަޙައްދުތައް ޙިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ މަޝްވަރާކުރެވިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ތަންތަން ޙިމާޔަތް ކުރުމަށް ނިންމަވާފައިވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ %10 ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ %20 ޙިމާޔަތްކުރުމާއި، ޤާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.