ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ބަނދަރާއި ޑްރައިވިން ޓްރެކް ފެހިކުރުމުގެ ގޮތުން އެ ސަރަހައްދުތަކުގައި ބޮޑެތި ގަސް އިންދުމުގެ މަސައްކަތް ކައުންސިލުން ފަށައިފިއެވެ.
ހަނިމާދޫ ފެހިކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ކައުންސިލުން ފަށާފައި ވަނީ މިދިޔަ ޖޫން މަސް ތެރޭގައެވެ. މި ޕްރޮގްރާމްގެ ދަށުން ރަށުގެ މަގުތަކާއި އަދިވެސް އެހެނިހެން ބައެއްތަންތަނުގައި ގަސް އިންދުމުގެ ހަރަކާތް އެ ކައުންސިލުގެ މުވައްޒަފުން ނުކުމެ ދޭތެރެދޭތރެއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މި ޕްރޮގްރާމްގެ ދަށުން ބަނދަރާއި ޑްރައިވިންޓް ޓްރެކް ސަރަހައްދުގައި ރުކާއި ބޮޑެތި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ދަނީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރާ އިންޑިއާގެ ޖޭއެމްސީގެ ގުޅިގެންނެވެ.
މި ނޫހާއި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވީ ބަނދަރުގައި އިންދާ ބޮޑެތި ގަސްތަކުގެ ސަބަބުން ބަނދަރު ފެހިވެގެން ދިޔުމުގެ އިތުރުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެކަމުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީން ޒަމާނީ ފެންވަރަށް ހަނިމާދޫ ބަނދަރު ތަރައްޤީކޮށް ނިންމާލުމާއިއެކު ކައުންސިލުން އަންނަނީ ބަނދަރު ބޭނުން ކުރުމުގެ އުސޫލް އެކުލަވާލައި އެޔާއެއްގޮތަށް އަމަލުކުރަމުންނެވެ. ބަނދަރު ބެލެހެއްޓުމަށް މުވައްޒަފުން ލުމުގެ އިތުރުން ސެކިރިޓީ ކެމެރާ ވެސް ވަނީ ބަނދަރުގެ ދެ ސަރަހައްދެގައި ހަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!