ހދ. ކޭލަކުނަކީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނެ ކަމަށާއި އެރަށަކީ އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 'ތިލަދުން' އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި، ރާއްޖޭގެ ވެރިކަަމަށް އާދެވިއްޖެނަމަ، އެކަން ކުރައްވާނެ ކަމަށާއި އޭގެން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ. އަދި އާމްދަނީ ލިބޭނެ ފުރުސަތުތައް ލިބި، ވަޒީފާގެ ފުރުސަތުތަކާއި ޓޫރިޒަމް ފުޅާކުރުމަށް ލިބޭ ފުރުސަތަކަށް ވެސް ވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޕީއެންސީގެ ވެރިކަމެއްގައި އެރަށް ނޫނަސް، ހއ އާއި ހދ އަތޮޅުގައި ރިސޯޓު ހެދޭނެގޮތަށް ރީތިކޮށްހުރި ރަށްތަކުގައި ރިސޯޓުތައް ހެދި، ޓޫރިޒަމަށް ހުޅުވައިލާ، އިންވެސްޓަރުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކޭލަކުނަކީ ވަަރަށް ރައްކާތެރިކުރެވިފަ އޮތް ރަށެއް ކަމަށާއި އެތަނުގެ ރައްކާތެރިކަން ޔަގީންކޮށްފައި އެތަނުގެ ބޭނުން ހިފޭނެ ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އެކަން ނުވެ އޮތީީ ކީއްވެގެންކަމެއް ދަންނަވާން ނޭނގޭ ކަަމަށާއި އެއީ އެމަނިކުފާނު ހިންގި މިނިސްޓްރީގެ އެއްވެސްކަމެއް އެތަނުގައި ނުވަތަ އެ މައްސަލައިގައި ހިމެނިފައި ނެތުމުން ކަމަށް ވެސް މުއިއްޒި ވިދާޅުވިއެވެ.
މުއިއްޒު މިފަދައިން 'ތިލަދުން' އަށް ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވެސް ވަނީ ކޭލަކުނަކީ އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ ކަމަށާއި އެއީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހަދާނެ ކަމަށް ވިދާޅުވެފައެވެ.
އެ ޖަލްސާގައި މުއިއްޒު ވިދާޅުވެފައިވަނީ ހދ. އަތޮޅަށް އިގުތިސާދީގޮތުން މިހާރު އެންމެ ބޭނުންވެފައިވާ ކަމަކީ ފަތުރުވެރިކަން ކަމަށާއި އެކަން ކުރާނީ ޕީޕީއެމް، ޕީއެންސީގެ ސަރުކާރެއްގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!