ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނީ ވަރަށް ކޮށްދޭ ހިތުން ކަމަށް ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރ. އިންނަމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މުއިއްޒު ވިދާޅުވީ އެރަށުގެ ތަރައްގީ އަށް ކުރެވެންހުރި ހުރިހާ ކަމަކަށް ވެސް ފުރިހަމަ އިޖާބައެއް ދެއްވާނެ ކަމަށާއި އެރަށުގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށްދީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށްދެއްވާނެ ކަމަށެވެ.

މިހާރުގެ ސަރުކާރުން ވަރަށް ބޮޑަށް ސިއްހީ ދާއިރާއަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ގިނަ ރަށްރަށުގެ ސިއްހީ މަރުކަޒުތައް ވީރާނާވަމުން ދާ ކަމަށާއި ވަސީލަތްތަކެއް ފަހިވެފައި ނެތް ކަމަށެވެ. އަދި އެކަށޭނަ މުވައްޒަފުން ވެސް ނެތް ކަމަށާއި ޕީއެންސީގެ ސަރުކާރެއްގައި އެކަން ރަނގަޅުކުރަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ތަރައްގީގެ ކަންކަމުގައި އެއްވެސް ރަށެއް ތަފާތެއް ނުކުރައްވާނެ ކަމަށާއި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން އެދޭ ތަރައްގީ ރަށްތަކަށް ގެނަސްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން އިންނަމާދޫ ސްކޫލަށް ބޭނުންވާ އޮފީސް ޖާގައާއި ވަސީލަތް އިތުރުކޮށްދެއްވައި، ރައްޔިތުން އެދޭ ފަދައިން އޭޓީއެމްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ދައުރުގައި ރަށްރަށުގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑުތައް މި ސަރުކާރުން ހުރީ އިތުރަށް ފުރިހަމަކޮށް ނުދީ. އަޅުގަނޑުމެން މިފަދަ ދަނޑުތަކަށް ބޭނުންވާ އިތުރު ކަންކަން ފުރިހަމަކޮށްދީ ފެންވަރު ރަނގަޅު ކުރާނަން. މިރަށުގެ ފުޓްބޯޅަ ދަނޑުވެސް ރަނގަޅު ފެންވަރުގައި ތަރައްޤީކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

ހަމަމިއާއެކު އެރަށެއްގައި ބިން އޮންނަ މިންވަރަކުން ބޯހިޔާވަހިކަމުގެ ޕްރެޖެކްޓްތައް މުޅި ރާއްޖޭގައި ހިންގޭނެކަން ފާހަގަކުރައްވާ ވިދާޅުވީ އެރަށުގައި ވެސް ޖާގަ އޮތް މިންވަރަކުން ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އިންނަމާދޫ އަކީ ބޯޓް ބިލްޑިންގ ފަދަ މަސައްކަތްތައް ވަރަށް ގަދައަށް ކުރިއަށް ދާ ރަށެއް ކަމަށާއި އެހެންނަމަވެސް ސަރުކާރުން އެކަމުގައި ދިވެހީންނާއި ދިވެހި ކުންފުނިތަކަށް އިސްކަމެއް ނުދޭކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެހެންކަމުން ބޯޓް ބިލްޑިންގެ ސެކްޓާގައި ކުރިއަށް ދިއުމަށް ދިވެހީންނަށް ޕީއެންސީ އިން އިސްކަންދޭނެ ކަމަށާއި އެ ދާއިރާއަކީ ދިވެހީންގެ ވަރަށް ފަންނުވެރި މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް މި ދާއިރާއިން ދިވެހީން ކުރިއަށްދާން މިހާރުގެ ސަރުކާރުން އިސްކަން ނުދީ އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ޕީއެންސީ އިން އެކަން ބަދަލުކޮށް، ދިވެހި ފަންނުވެރީންނަށާއި ދިވެހި ކުންފުނިތަކަށް އިސްކަންދީ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.