ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023" ފަށަން ހަމަޖެހިފައިވާ ތާރީޚަށް ބަދަލުގެނެސް އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ޑަބްލިއުޑީސީން ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ އޮގަސްޓް މަހުއެވެ. މުބާރާތުގައި އިތުރު ޓީމްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދީ މުބާރާތް ފަސްކުރިކަން އިއުލާން ކުރީ މި ހަފްތާ އަންގާރަ ދުވަހުއެވެ. ނަމަވެސް މުބާރާތް ފަށާ ތާރީޚެއް އެ ކޮމެޓީން ހާމަ ކޮށްފައި ނުވެއެވެ.

Ad
rt

މި މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެންމެ ފުރަތަމަ ފޯމް ހުށަހަޅާ އަށް ޓީމަށެވެ. ފުރަތަމަ ކުރެވުނު އިއުލާނާއި ގުޅިގެން ފޯމް ހުށަހެޅި ޓީމްތައް އިތުރަށް ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި މަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ފުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގައި ނެޓްބޯޅަ ކުރިއަރުވައި ނެޓްބޯޅަ ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުޞަތު ހޯދައިދިނުމާއި، ނެޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، ކަނބަލުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމުގެ އިތުރުން ވާދަވެރި މާހައުލެއްގައި ނެޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދީ ނެޓްބޯޅައިގައި ހުނަރުވެރި ކުޅުންތެރިން އުފެއްދުމެވެ

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް މުބާރާތުގެ ގިނަ ވަނަތަކެއް ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.