ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ މި އެލަވަންސް ދިނުމަށް ނިންމަވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދޭގޮތަށް ނިންމަވާފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން މިއީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދިނުމަށް ނިންމާފައިވާއިރު، އެ އެލަވަންސްގައި ކައުންސިލުގެ މުވައްޒަފުން ހިމަނާފައި ނުވާތީ ނިންމެވި ގޮތެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލުތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތް ކުރުމަށް ފަހު، ނިންމެވި ނިންމެވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވީ މި އެލަވަންސް ނުލިބުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށް ދިނުމަށް އެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށާއި ކައުންސިލްތަކުގެ މުވައްޒަފުންނަށް ވެސް މި އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ރައީސް އަށް ގަބޫލުފުޅޫ ކުރެއްވޭ ކަމަށެވެ.

ކައުންސިލް އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައިވާއިރު، ސިއްހީ އަދި ތައުލީމީ ދާއިރާގެ މުސާރަ ބޮޑު ކުރި ފަހުން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ބަލައި، އެ ދެ ދާއިރާގެ މުވައްޒަފުންގެ އިނާޔަތަށް ދާދިފަހުން ވަނީ ބަދަލު ގެންނަވާފައެވެ.