އެމްޑިޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ވައުދުވެ، ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ވެރިކަމެއް ކަމަށް ޤާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.
ޑރ. އަމީން މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. އަމީން ވަނީ ފާއިތުވީ 15 އަހަރުގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދެ ސަރުކާރަކާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރެއް ރާއްޖޭގައި އުފެދުނުކަން ފާހަގަ ކުރައްވާފައެވެ.
މިއިން ކޮންމެ ސަރުކާރެއް އުފެއްދުމުގައި ވެސް ޖޭޕީއާއި އެ ޕާޓީގެ ލީޑަރު ޤާސިމްގެ ހިއްސާ ބޮޑުއިރު، ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ފޮނި ހުވަފެންތަކަކާއި، އުންމީދުތަކެއް ދެމުންކަން ޑރ. އަމީން ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ވެރިކަންތަކުގައި ރައްޔިތުންނާމެދު އިހުމާލުވެ، ވެރިކަމަށް އައުމަށް ވީ ވައުދުތައް މަތިން ހަނދާންނެތި، "ފެއިލް" ވިކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
އަމީން ވިދާޅުވީ، ގައުމާއި ދިވެހިރައްޔިތުންގެ ކުރިމަގު ބިނާކުރުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، އެކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހަމައެކަނި ކެންޑިޑޭޓަކީ ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމްކަމަށެވެ.
އަމީން ވިދާޅުވިގޮތުގައި، އެމްޑިޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ވައުދުވެ، ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޤާސިމް އިބްރާހީމްގެ، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!