ޝަރުއީ ދާއިރާ މިނިވަންކަމާއެކު ހިންގުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ)ގެ އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޝަރުއީ ދައިރާ މިނިވަންކަމާއެކު ހިންގުމަކީ ދައުލަތަށް ވަރަށް މުހިންމު ކަމެއްކަމަށާއި، އެގޮތުން އެ މިނިވަންކަން ދިނުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށެވެ. އަދި ޖޭއެއްސީން ސިޔާސީ މީހުން މަދުކޮށް، ޝަރުއީ ދާއިރާގެ މީހުން ގިނަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޝަރުއީ ދައިރާ މިނިވަންކަމާއެކު ހިންގުމަކީ ދައުލަތަށް ވަރަށް މުހިންމު ކަމެއް، އެގޮތުން އެ މިނިވަންކަން ދިނުމަށްޓަކައި ޖުޑީޝަލް ސާވިސް އެކުލެވޭ ގޮތުގެ ފޯމޭޝަން ބަދަލުކުރާނަން" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ހައްޔަރުކޮށް ބަންދުކުރާ މީހުންނަށް ބަދަލު ނަގައިދިނުމުގެ ގާނޫނެއް ވުޖޫދު ކުރައްވާނެކަމަށާއި، ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމާ މެދު ލަސްވެގެން 24-48 ގަޑިއިރު ތެރޭގައި ގޮތެއް ނިންމޭ ވަރަށް ފުލުހުންގެ ކަންކަން ހަރުދަނާކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި "ވާނުވާ ބަންދު" އެއްކޮށް ހައްލު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" އެއްވެސް ހައްގަކާއި ނުލައި ބަންދުކޮށްފައި ބޭއްތިއްބުމުގެ ސަބަބުން ބައެއް މީހުންނަށް ނާއިންސާފު އިންތިހާއަށް ލިބޭ، އެހެންކަމުން މިފަދަ ގާނޫނުތައް ނެތި ޝަރުއީ ނިޒާމްގެ ތެރޭ ޗެކް އެންޑް ބެލެންސް ނޯންނާނެ " މުއިއްޒު ވިދާޅުވިއެވެ.
މިހާރު ޖޭއެއްސީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!