ގއ. ކޫއްޑޫގައި ހިންގަމުންދާ އެއާޕޯޓު ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް ގއ. ވިލިނގިލީ ބިން ހިއްކާ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން ޕޭލޭންތަކެއް ކޮށްފައިވާއިރު، މި އަތޮޅުގައިވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް ކަަމަށެވެ.
"އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭންގައި އެކަން އޮތް ގޮތަކީ މިހާރު ކޫއްޑޫގެ އޮތް އެއާޕޯޓަކީ ޓްރެއިނިންގ އެއާޕޯޓަކަށް ބަދަލުކޮށް، ވިލިނގިލީގައި އަޅުގަނޑުމެންގެ ވިސްނުމުގައި މި އޮތީ މިތާ ކައިރީގައި މި އޮތް ފަޅު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން." މުއިއްޒު ވިދާޅުވިއެވެ.
އެއާޕޯޓާ އެކީގައި ހުވަދު އަތޮޅުގައި 10،000 އެނދުގެ ޓޫރިޒަމް މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އިންޓެގްރޭޓަޑް ޓޫރިޒަމާއި ލޯކަލް ޓޫރިޒަމްގެ މަޝްރޫއުތަކެވެ.
މުއިއްޒު ވިދާޅުވީ އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދާނީ ވިލިނގިލި ފަޅުން ބައެއް ހިއްކައިގެން ކަމަށެވެ. އެއީ އެ ރަށުގައި ބިން ހުސްވެފައި އޮތުމުން ކަމަށް ވިދާޅުވިއެވެ.
އޭގެ ސަބަބުން ގެދޮރުވެރިކަމަށް ބޭނުންވާ ބިން އިތުުރުވެގެންދާއިރު، ކުޅިވަރުގެ ފެންވަރު ރަނގަޅު ސްޕޯޓްސް ކޮމްޕްލެކްސްތަކެއްގެ އިތުުުރުން، މިރަށަށް ބިން ބޭނުންވާ ހުރިހާ ކަމެއްގެ ހައްލު ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ގއ. ކޫއްޑޫ މަސް ފެސިލިޓީ ދެ ގުނަ އަށް ބޮޑުކޮށް ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އަތޮޅުގެ ވިލިނގިއްޔާއި ގއ.ނިލަންދޫ އާއި ގއ.ދާންދޫގައި އައިސް ޕްލާންޓެއް ގާއިމް ކޮށްދެއްވާނެ ކަަމަށްވެސް ވިދާޅުވިއެެވެ. އަދި ވިލިނގިލީގައި ޑީކޯ ޗެމްބަރެއް ގާއިމު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ވިލިނގިލި ހޮސްޕިޓަލް ތަރައްގީކޮށްދީ މާލެ އަށް ދާން ޖެހޭ ވަރު ކުޑަކޮށްދޭނެ ކަމަށްވެސް ޑރ. މުއިއްޒު ވައުވެވަޑައިގެންނެވިއެވެ. އަދި ރަށުގައި ޔުނިވަސިޓީ ކެމްޕަސްއެއް ގާއިމުކޮށް ދަނާލެއް ގާއިމުކޮށް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!