ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ.

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ނ. ހެނބަދުއަށެވެ. އެ ރަށުން ގާސިމަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

Ad
rt

ހެނބަދޫގެ އިތުރުން މިއަދު ނ.ކެނދިކުޅުދޫ، ނ. މާޅެންދޫ، ނ.ލަންދޫ އަދި ނ.މާފަރަށް ގާސިމް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ގާސިމްގެ އަރިހުގައި މިދަތުރުފުޅުގައި ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ބައިވެރިވެ ވަޑައިގަންނަވައެވެ.

ގާސިމް ނ. އަތޮޅަށް މިކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ވަޑައިގަންނަވާ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާއި، ރަށްޔިތުންގެ ހާލު ބައްލަވާ ތަކުލީފުތަކުގެ އަޑުއައްސަވާއި، ޖުމްހޫރީޕާޓީގެ ވެރިކަމެއްގައި މިރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަމާމެދު މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގައި ޖުމްހޫރީޕާޓީގެ ޖަގަހަ ހުޅުއްވާދެއްވާއި ދޮރުންދޮރުން ހިނގުންފަދަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ގާސިމް ނ.އަތޮޅަށް މިވަޑައިގަތީ ހދ.އަތޮޅާއި ށ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހުއެވެ. ގާސިމް ވިދާޅުވަމުން ގެންދަވަނީ އޭނާގެ ވެރިކަމެއްގައި ހުރިހާ ރަށަކަށްވެސް އެރަށެއްގެ ރައްޔިތުން އެންމެ ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.