ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ ރަސްމީ ލޯގޯ ފާސްކޮށް އެ ލޯގޯ ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ.

ހަނިމާދޫގެ ލޯގޯއިން ރަމްޒުކޮށްދޭ ކަންތައްތަކަށް ބަލައިލާއިރު، މުޅި ލޯގޯއިން ފެންނަނީ ދޫންޏެއް އުދުހޭ މަންޒަރެވެ. އެކަމުން ރަމްޒުކޮށްދެނީ ހަނިމާދޫއަކީ ޒަމާނުއްސުރެ އެއާޕޯޓެއް އޮންނަ ވައިގެމަގުން ދަތުރުކުރުމުގެ ފަސޭހަކަން ލިބިފައި އޮތް ރަށެއްކަމެވެ.

Ad
rt

ހަނިމާދޫގެ ނަމުން ރަމްޒުވާފަދައިން ހަނިމާދޫއަކީ ހަނި ދިގު ރަށެކެވެ. އެކަން ރަމްޒުވެގެންދަނީ ލޯގޯގައިވާ ދޫނީގެ ހަށިގެނޑުތެރެއިން ފެންނަ ހަނިމާދޫ ރަމްޒުވާ ރަށުގެ ޗާޓުންނެވެ.

ލޯގޯގައި ބޭނުން ކޮށްފައިވާ ފެހިކުލައިން ރަމްޒުކޮށްދެނީ ހަނިމާދޫގެ ފެހި މާހައުލާއި، ތިމާވެއްޓަށް އިސްކަންދޭ މިންވަރެވެ. ލޯގޯގައިވާ ރީނދޫ ކުލައިން ރަމްޒުކޮށްދެނީ ރަށުގެ އަމާން ވެއްޓާއި ރަށުގެ ސާފު ގޮނޑުދޮށެވެ.

ނޫކުލައާއި ފެހިކުލަ އެކުވެގެން އުފެދިފައިވާ ތިން ފިޔައިން ރަމްޒުކޮށްދެނީ ހަނިމާދޫގައި މިހާރު ވެސް ތިން ރަށެއްގެ މީހުން ވަޒަންވެރިވެ ދިރިއުޅެމުން އެއްބައިވަންތަ ކަމާއިއެކު ދިރިއުޅެމުން އަންނަ ކަމެވެ.