މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ރައީސްގެ ކެންޑިޑެސީ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް އިންތިޚާބީ މައި މަރުކަޒު، ދަރުބާރުގެއަށް މިއަދު ވަޑައިގަތީ ރައީސް ޞާލިޙްގެ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒްގެ އިތުރުން ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

Ad
rt

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިން މޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އެވެ.

މި ނިމޭ ރިޔާސީ ދައުރު ވެސް ކޯލިޝަނަކުން ކާމިޔާބު ކުރެއްވި ރައީސް ޞާލިޙް މިފަހަރުގެ އިންތިޚާބުގައި ވާދަ ކުރައްވަނީ ވެސް ކޯލިޝަނަކުންނެވެ. މިފަހަރުގެ ރައީސްގެ ކޯލިޝަންގައި ހިމެނެނީ މިހިނގާ ދައުރުގައި ވެސް ކޯލިޝަންގައި ހިމެނުނު އަދާލަތު ޕާޓީ އާއި މިފަހަރުގެ ކޯލިޝަނާއި އަލަށް ގުޅުނު އެމްޑީއޭ އެވެ.

މިހިނގާ ދައުރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީ އާއި އެމްއާރުއެމް މިފަހަރުގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައި ވަނީ ވަކިންނެވެ. ނަމަވެސް އެ ދެ ޕާޓީގެ ކެންޑިޑޭޓުންގެ ފޯމު އަދި އީސީ އަށް ހުށައެއް ނާޅައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.