ތ. އަތޮޅު ކިނބިދޫ، ވޭމަންޑޫ އަދި އޮމަދޫ ގުޅާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުއްސުރެ ފައްޓަވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއުރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ކިނބިދޫ ގައި ވާހަކަ ދައްކަވަމުންނެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާގޮތަށް ކުރައްވާ މި ދަތުރަކީ މި އޮގަސްޓު މަހުގެ 2 ން 4 ގެ ނިޔަލަށް ކުރައްވާ ދަތުރެކެވެ.
ކިނބިދޫގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ފުރިހަމަ ގޮތުގައި ހިދުމަތްތައް ގާއިމުކޮށް، ފޯރުކޮށްދެވޭނީ އެކަށީގެންވާ އާބާދީއެއް އޮވެގެން ކަމަށެވެ. އަދި ޑިމޮކްރެޓުންގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ނުކުމެ މިހިރީ ކިނބިދޫ، ވޭމަންޑޫ އަދި އޮމަދޫ ގުޅާލަ ދިނުމަށް ކަމަށެވެ.
މިހާރުވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތް ކުރައްވާ އޭނާ ވިދާޅުވި މިއީ 2018 ގައި ސަރުކާރު ވެރިކަމަށް އަންނަމުން ވެސް ވީ ވައުދެއް ކަމަށާއި އެހެންނަމަވެސް ވެރިކަމަށް އައިސް "މެނިފެސްޓޯ އެއްފަރާތް ކޮށްފައި" ވާކަމަށެވެ.
އިލްޔާސް ވިދާޅުވީ ކިތަންމެބޮޑު ހަރަދެއް ކޮށްފައިވެސް ތާޖުމަހަލް ފަދަ ތަނެއް އެޅިދާނެ ކަމަށާއި އެހެނަސް ރައްޔިތުން ބޭނުންވާ ކަމަކީ އެތަންތަނުން ދޭ ހިދުމަތް ކަމަށެވެ. އަދި އެ ބަދަލު އެ ސަރަހައްދަށް ގެންނަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ ބަދަލު ގެނައުމުގެ އެންމެބޮޑު ބޭނުމަކީ އާބާދީ އުޅޭނެގޮތެއް ހޯދުން ކަމަށެވެ.
މީގެ އިތުރުން އިލްޔާސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތީ ވަރަށް ޒުވާންކަމާއި ޖޯޝާއި ފޯރީގައި ކަމަށާއި 24 ގަޑިއިރު ނުނިދާ ހުރެގެން ވެސް މި ކަމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރާއި ދަ ޑިމޮކްރެޓްގެ ތަފާތަކީ ޑިމޮކްރެޓުން ކަން ކުރުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!