ސިންގަޕޫރުގައި ޕާސްޕޯޓު ހިފެހެއްޓި ވާހަކަ، އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ޕާސްޕޯޓް ސިންގަޕޫރުން ހިފެހެއްޓި ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ.

އޭނާ މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނެވުމަށްފަހު، ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

Ad
rt

ސިޔާމް ވިދާޅުވީ އެގައުމުގައި އުޅުއްވިއިރު، ޕާސްޕޯޓު ހިފެހެއްޓިކަމެއް ނުވަތަ އެ ގައުމުން އޭނާ ފުރުން ހުއްޓުވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ޚަބަރު ލިބުނީ ރާއްޖޭގެ ނޫސްތަކުގައި ޖެހުމުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ޒިންމާދާރު ކަމާއެކު ޚަބަރު ފެތުރުމަށް ނޫސްވެރިން ކިބައިން އެދިވަޑައިގެންފައެވެ. އަދި އެފަދަ ދޮގު ޚަބަރެއް ފެތުރީ "ދަ ޑިމޮކްރެޓްސް" އިން ކަމަށް ވެސް ވަނީ ތުހުމަތު ކުރައްވާފައެވެ.

ސިޔާމް އިތުރަށް ވިދާޅުވީ އޭނާގެ ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ސަރުކާރުން ދެއްކުމަށް އެއްބަސްވެފައި ނުވާނެ ކަމަށާއި ހިލްޓަންއަށް ފައިސާ ދައްކާނީ އޭނާ ކަމަށެވެ. އަދި އެއީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ކުންފުނީގެ މައްޗަށް އަންގާފައިވާތީ، އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ސިވިލް ކޯޓުން ހުކުމްކުރިއެވެ.

އެ ހުކުމް އިސްތިއުނާފްކުރަން ސަން ޓްރެވަލްސްގެ ފަރާތުން ހުށައެޅުމުން ރާއްޖޭގެ ހައިކޯޓުން މިދިޔަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ވަނީ އެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ.