ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ، ޕީއެސްޖީ ޕްރީ ސީޒަންގައި ޖަޕާނަށާއި ދެކުނު ކޮރެއާއަށް ކުރާ ދަތުރަށް އެކުލަވާލި ސްކޮޑުން ބާކީ ކޮށްފިއެވެ.

ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އެމްބާޕޭ، އެ ކުލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮށްވައި ދެން އެ ކުލަބާއިއެކު އިތުރު އެއްބަސްވުމެއް ހަދަން ބޭނުންނުވާކަން މި މަހު ކުރީކޮޅު އޭނާ ކުލަބަށް އެންގުމާއިއެކު އެމްބާޕޭއާއި ޕީއެސްޖީއާއި ދެމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ.

Ad
rt

މި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޕީއެސްޖީގެ ރައީސް ބުނެފައިވަނީ އެމްބާޕޭ އަންނަ ސީޒަންގައި އެ ޓީމުގައި މަޑުކުރަން ބޭނުންނަމަ އެއްބަސްވުން އައު ކުރަން ޖެހޭނެ ކަމަށެވެ. އެއްބަސްވުން އައު ނުކުރާނަމަ އެ ކުލަބުގައި ނުހުރެވޭނެ ކަމަށާއި، އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފައެއްގައި ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ދޫކޮށްލުމަކީ ވާނޭ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް އެމްބާޕޭ ބޭނުންވަނީ އަންނަ ސީޒަންގައި ޕީއެސްޖީގައި މަޑުކުރުމަށް ފަހު ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވުމަށެވެ.

އެމްބާޕޭ ޕީއެސްޖީއާއި ގުޅިފައި ވަނީ 2017 ވަނަ އަހަރު ފްރާންސްގެ މޮނާކޯއިންނެވެ. އޭނާއަކީ ދެވަނައަށް އެންމެ ބޮޑު ޓްރާންސްފާ ފީއެއްގައި ޓީމް ބަދަލުކުރި ކުޅުންތެރިޔާއެވެ. ޕީއެސްޖީން އެމްބާޕޭ އެ ޓީމަށް ގެނެސްފައި ވަނީ 165.7 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.

ފްރާންސާއިއެކު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފައިވާ އެމްބާޕޭ ޕީއެސްޖީއަށް ކުޅެދިން 260 މެޗުގައި ވަނީ 212 ލަނޑު ޖަހާފައެވެ. ޕީއެސްޖީގައި އޭނާ މިހާތަނަށް ހޭދަކުރި ހަ ސީޒަންގައި ފަސްފަހަރު ފްރާންސް ލީގު ވަނީ ކާމިޔާބު ކޮށްފައެވެ.